28 Feb 2011, 11:56
ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ތަންފީޒުކުރުމަށް ސަރުކާރަށް އެހީވުމަށް 4.3 މިލިއަން ރުފިޔާގެ ފައިސާގެ އެހީ ޔޫއެންޑީޕީން ސަރުކާރަށް ދީފި އެވެ.
ޔޫއެންޑީޕީގެ ޑިމޮކްރެޓިކް ތީމެޓިކް ޓްރަސްޓް ފަންޑް (ޑީޖީޓީއެފްއެފް)ގެ ދަށުން 338000 ޑޮލަރު ނުވަތަ ރަސްމީ ރޭޓުން 4.3 މިލިއަން ރުފިޔާ ސަރުކާރަށް ދިނުމަށް އެއްބަސްވެ، ޔޫއެންޑީޕީ އާއި ހޯމް މިނިސްޓްރީއާ ދެމެދު ވަނީ އެގްރިމެންޓެއްގައި މިއަދު ސޮއިކޮށްފަ އެވެ.
އަންނަ އަހަރުގެ ނިޔަލަށް ހިންގުމަށް ކަނޑައަޅައިފައިވާ އެ ޕްރޮޖެކްޓުގައި ޔޫއެންޑީޕީގެ ފަރާތުން މިއަދު ސޮއިކުރެއްވީ ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓާ އެންޑްރޫ ކޮކްސް އެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓާ ހަސަން އަފީފެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، މިއަދު އެއްބަސްވި އެގްރިމެންޓުގެ ދަށުން ލިބުނު ފައިސާ ޚަރަދުކުރާނީ ހޮވިވަޑައިގެންފައިވާ ކައުންސިލަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ކައުންސިލްތައް ހިންގަންވާ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރަށް، ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކަމަށެވެ.
"އެހެންވެ، މި ހިންގުން ހަރުދަނާކުރުމުގައި އަޅުގަނޑުމެން އެބޭފުޅުންނަށް )ކައުންސިލަރުންނަށް( އޮރިއެންޓޭޝަން ޕްރޮގްރާމްތަކެއް ކުރިއަށްގެންދާނެ. އެބޭފުޅުންނަށް އަޅުގަނޑުމެން މައުލޫމާތު ދެނީ އެހެންވެސް މިކަހަލަ ޑިމޮކްރެޓިކް ޔުނިޓަރީ ދައުލަތެއްގައި، އަދި އަޅުގަނޑުމެންގެ ލާމަރުކަޒޫ އުސޫލު ހިންގުމާ ބެހޭ ޤާނޫނުގައި އެ އޮންނަ ގޮތަށް އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަމުން ކުރިއަށްގެންދާނެ ގޮތުގެ އޮރިއެންޓޭޝަނެއް ނުވަތަ އެހެން ބަހަކުން ދަންނަވަނީ ނަމަ އޭގެ ތަމްރީނުތަކެއް، ޓްރެއިންނިންތަކެއް ދޭން މި ގަސްތުކުރަނީ،" ލޯކަލް ގަވާމަންޓް އޮތޯރިޓީގައި ވެސް ހިމެނިވަޑައިގަންނަވާ އަފީފް ވިދާޅުވި އެވެ.
ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންނާއި އަދި ރައްޔިތުންނަށް ވެސް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް އެ ޕްރޮޖެކްޓުގެ ދަށުން ހިންގާނެ ކަމަށް އަފީފް ވިދާޅުވި އެވެ.
ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓާ މިއަދު ވިދާޅުވީ، މިއަދު ހޯމް މިނިސްޓްރީ އަށް ދިން ފައިސާ ޚަރަދުކުރާނެ ޕްރޮގްރާމްތައް ކަނޑައަޅާނީ ކަމާ ބެހޭ އެކިވުޒާރާތަކުން އެކުލަވާލައިފައިވާ ސްޓައިރިން ކޮމިޓީއަކުން ކަމަށެވެ. އަދި މާލެއަށް ވުރެ ބޮޑަށް، އަތޮޅުތަކަށް ފޯކަސްކޮށްގެން ޕްރޮގްރާމްތައް ހިންގުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ ދަށުން އުފައްދާ އަންހެނުންގެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ވެސް އެ ޕްރޮޖެކްޓް އަމާޒުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.