ނިޔުޔޯކް (މޭ 25) : އދ. އިން އިސްނަގައިގެން ޖެނީވާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ޔަމަންގެ ސުލްޙައިގެ ވާހަކަތައް ކުއްލި ގޮތަކަށް މިމަހުގެ 28 އަށް ފަސްކޮށްފި އެވެ.
އދ.ގެ މަސްއޫލުވެރިއަކު ވިދާޅުވީ މިއަދު ފެށުމަށް ހަމަޖެހިފައިވާ ޔަމަންގެ ސުލްޙައިގެ މިމަހުގެ 28 އަށް ފަސްކޮށްފައިވާ ކަމުގަ އެވެ. ސައޫދީ އަރަބިޔާގެ ޙިމާޔަތުގައި ދިރިއުޅުއްވާ ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ ވަނީ އެ ވާހަކަތަކުގައި ޔަމަންގެ ސަރުކާރު ބައިވެރިނުވާނެކަން އދ. އަށް އަންގަވައިފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއަށް ފޮނުއްވި ސިޓީއެއްގައި ހާދީ ވިދާޅުވީ ޖެނީވާގެ ވާހަކަތަކުގައި ބައިވެރިވުމަށް ޔަމަންގެ ސަރުކާރުން ޝަރުތުތަކެއް ކުރިމަތިކޮށްފައިވާނެ ކަމަށާއި އެ ޝަރުތުތައް ފުރިހަމަ ކޮށްދިނުމުން ނޫނީ އެވާހަކަތަކުގައި ސަރުކާރު ބައިވެރިނުވާނެކަމުގަ އެވެ.
ހާދީ ހުށަހެޅުއްވި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ސުލްޙައިގެ ވާހަކަތަކަށް ދިޔުމުގެ ކުރިން ޔަމަންގެ ހޫޘީ ޖަމާއަތުން ހަތިޔާރު ނުބެހެއްޓުމުންނާއި ޔަމަންގެ ބޮޑެތި ރަށްތަކުން އެޖަމާއަތުގެ ހަނގުރާމަވެރިން ނުފޭބުމުން އދ.ގެ ޗާޓަރުގެ ޗެޕްޓަރު 7 ގެ ދަށުން ޙޫޘީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. ހާދީ ދެކެވަޑައިގަންނަވާ ގޮތުގައި އދ. ން ގެންދަނީ މިކަމަށް ފަސްޖެހެމުންނެވެ.
ހާދީގެ މިނިންމުގެ ފަހަތުގައިވަނީ އޭނާ އަށް ވާގިވެރިވާ ގަލްފުގެ އަރަބި ގައުމުތައް ކަމަށްވަނީ ބެލެވިފަ އެވެ. ސައޫދީ އަރަބިޔާގެ ޙިމާޔަތުގައި އެގައުމުގެ ވެރިރަށް ރިޔާޒް ގައި ދިރިއުޅުއްވާ ޔަމަންގެ ރައީސަށް ސައޫދީން ގެ ނުރުހޭ ޝަރުތެއް އދ. އަށް ކުރިމަތިކުރަން ކެރިވަޑައިނުގަންނަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ސައޫދީން އިސްކޮށް ތިބެގެން އަސްކަރީ ގޮތުން ގަލްފުގެ ގައުމުތައް ވަދެގެންއުޅެނީ ވެސް ހާދީގެ ދައުވަތަކަށެވެ. ނަމަވެސް ޔަމަންގެ ބޮޑެތި ރަށްތަކުން ހޫޘީ ހަނގުރާމަވެރިން ބޭރުކޮށްލުމަށް ސައޫދީން އިސްކޮށް ތިބެގެން އުފައްދާފައިވާ ކޯލިޝަނުން ދެމުން ގެންދާ ވައިގެ ޙަމަލާތަކުން އަދި މިހާތަނަށް އެކަން ކުރެވިފައެއް ނުވެ އެވެ. އަދި ހަތިޔާރު ބެހެއްޓުމަށް ހޫޘީންނަށް މަޖްބޫރު ކުރެވިފައެއްވެސް ނުވެ އެވެ. އަދި އަސްކަރީގޮތުން ހޫޘީން ބަލިކުރެވިފައެއް ވެސް ނުވެ އެވެ. މީގެބަދަލުގައި ސައޫދީންގެ ދެމަސްވީ ވައިގެ ޙަމަލާތަކުގެ ސަބަބުން ޔަމަންގެ ބޮޑުބައެއްވަނީ ހަލާކުވެ ސުންނާފަތިވެފައެވެ. އަދި މިޙަމަލާތަކުގައި 1800 މީހުން މަރުވެ އެތަށް ލައްކަ ބަޔަކު ރެފިއުޖީންނަށް ވެސް އެތަށް ހާސްބަޔަކު ޒަޚަމްވެފައިވާ ކަމަށް އިންސާނީ އެހީ ދޭ ފަރާތްތަކުންނާއި އދ. ން ބުނެ އެވެ.
ހޫޘީ ޖަމާއަތުންވަނީ ޖެނީވާގެ ވާހަކަތަކުގައި ބައިވެރިވުމަށް ނިންމާފަ އެވެ. ޔަމަނަށް ކަނޑައަޅާފައިވާ އދ.ގެ މަންދޫބު ވިދާޅުވީ ބައިވެރިނުވާ ފަރާތެއް ބައިވެރި ނުވިނަމަވެސް ޔަމަންގެ ސުލްހައިގެ ވާހަކަތައް އދ. ން ކުރިޔަށްގެންދާނެ ކަމުގަ އެވެ. މިއަދު ފެށުމަށް ހަމަޖެހިފައިވާ ޔަމަންގެ ސުލްޙައިގެ ވާހަކަތައް މިމަހުގެ 28 އަށް ފަސްކުރި ސަބަބު އދ. ން ހާމަކޮށްފައެއް ނުވެއެވެ. (ރޮއިޓާސް)