25 May 2015, 09:43
މިސީޒަނަށްފަހު ބާސެލޯނާ ދޫކޮށް ގަތަރުގެ ލީގަށް ޒަވީ ހެނާންޑޭޒް ބަދަލުވާ ވާހަކަ އިޢުލާން ކުރުމަކީ ބާސާއަށާއި ސްޕެއިންގެ ސަޕޯޓަރުންނަށް އުފާވެރި ވާހަކައެއް ނޫނެވެ.
ވޭތުވެދިޔަ 17 އަހަރު ބާސާއާއި ސްޕެއިން ދުނިޔޭގެ ފުޓްބޯޅައިގައި ހޯދި ބޮޑެތި ކާމިޔާބީތަކެއްގައި ޒަވީގެ ހިއްސާ ބޮޑެވެ.
ޒަވީ ސްޕެއިން ދޫކޮށް ޤަތަރަށް ބަދަލުވުމަކީ ސްޕެއިންގެ ޗެމްޕިއަން ބާސާއަށް ޓެކްނިކަލީ ކުރިމަތިވާނެ މައްސަލައަކަށްވާނެއެވެ.
އަންނަ ސީޒަންގައި ބާސާގައި ޒަވީ ނުހުންނާނެ ކަން ވަނީ ޔަގީންވެފައެވެ. ދެން އޮތީ ޒަވީގެ މަގާމް އެފެންވަރުގައި ބަލަހައްޓާނެ ކުޅުންތެރިޔަކާ މެދު އުފެދޭ ސުވާލެވެ.

ޒަވީ އެޓީމް ދޫކޮށް ދާތީ ބާސާގެ ކުޅުންތެރިން ޒަވީ އާއެކު ފެއާވެލް ފާހަގަ ކުރަނީ --- ފޮޓޯ/ އޭޕީ
ޒަވީ ނެތްތަން ފޫބެއްދުމަށް ދާއިމީ ހައްލެއް ލިބޭނެ ގޮތަކާއިމެދު ބާސާގެ ކޯޗް ލުއިސް އެންރީކޭ ދަނީ ވިސްނަމުންނެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގައި އެންރީކޭގެ ކުރިމަތީގައި އޮތް ގޮންޖެހުން ބޮޑެވެ. އެއީ ޒަވީ އަކީ އޭނާއަށް ހާއްސަ ކުޅުމުގެ ސްޓައިލެއް ގެންގުޅޭ ކުޅުންތެރިޔެކެވެ. އޭނާ ބޯޅަ ޕާސްކޮށްލާ ގޮތާއި ބޮޅަކޮށްޓާ ނައްޓާލާ ގޮތާއި މިއީ އެ ސްޓައިލްގައި ދުނިޔޭގެ އެހެން ކުޅުންތެރިޔަކު ނެތް ތަފާތު ސްޓައިލެއްކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ ޓެކްނިކަލް ފަރާތްތަކުން ގަބޫލު ކުރެއެވެ. ޒަވީއަކީ ޢުމުރުން 11 އަހަރުގައި ބާސާގެ ފުޓުބޯޅަ މަދަރުސާއާއި ގުޅުނު ފަހުންވެސް އަމިއްލަ ސްޓައިލެއް އުފެއްދުމަށް މަސައްކަތް ކުރި ކުޅުންތެރިޔެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
އެންރީކޭގެ ބަހުން ނަމަ ޒަވީއާ ނުލައި ބާސާގައި ދިރިއުޅުމެއް ހޭދަ ކުރުމީ ފަސޭހަ ކަމެއް ނޫނެވެ.
"ޒަވީގެ ރިޕްލޭސްމެންޓެއް ނުގެނެވޭނެ. ސަބަބަކީ ކޮންމެ ދެ ކުޅުންތެރިޔަކީ ތަފާތު ދެ ކުޅުންތެރިން ކަމުގައިވުން. ޒަވީގެ އެ ސްޓައިލް އެހެން ކުޅުންތެރިޔަކަށް ނުދެއްކޭނެ. އެހެންކަމުން ބާސާގެ 'ދިރިއުޅުން' ޒަވީއާ ނުލައި ކުރިއަށްދެވޭ ގޮތަށް ޖެހޭނީ ބަދަލު ކުރަން،" އެންރީކޭ ބުންޏެވެ.
އެންރީކޭ އެ އިޝާރާތް ކުރީ ބާސާގެ ކުޅުމުގެ ސްޓައިލަށް ބަދަލު ގެންނަ ވާހަކައެވެ. ބާސާއަކީ ދުނިޔޭގެ ފުޓްބޯޅަ ކުޅުމުގެ ސްޓައިލަށް އާ އިންގިލާބެއް ގެނެއި ޓީމެކެވެ. އެއިންގިލާބުގައި ޒަވިއަކީ ޓީމުލައްވައި ކުޅުވުމުގެ މައި އާރުކާޓީއެވެ.
ޒަވީ ނެތްތަން ފޫބެއްދުމަށް އެންރީކޭގެ ކުރިމަތީގައި އޮތީ ދެ ނަމެވެ. އެއީ ބާސާގެ ޒުވާން މިޑްފީލްޑަރު، އުމުރުން 22 އަހަރުގެ ރަފޭލް އަލްކަންޓާރާ ޑޯ ނަސިމެންޓޯ ނުވަތަ ރަފިއާނާއާއި އުމުރުން 23 އަހަރުގެ ސާޖީ ރޮބާޓޯ އެވެ. މިސީޒަންގެ މުހިންމު ބައެއް މެޗްތަކުގައި އެންރީކޭ ވަނީ މިދެކުޅުންތެރިން ލައްވައި ކުޅުވާފައެވެ.

ރަފޭލް އަލްކަންޓާރާ ޑޯ ނަސިމެންޓޯ (ރަފިއާނާ) ޒަވީ ނެތްތަން ފޫބެއްދުމަށް ބާސާގެ މެދުތެރޭގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާ --- ފޮޓޯ/ ފޮކްސް ސްޕޯޓްސް
ނަމަވެސް އެދެކުޅުންތެރިންނަކީ ޒަވީގެ ސްޓައިލާ ތަފާތު ދެ ކުޅުންތެރިންނެވެ. ޒަވީ ބޯޅައަށް މަސައްކަތް ކުރާ ގޮތާއި މިދެކުޅުންތެރިން ބޯޅައަށް މަސައްކަތް ކުރާގޮތް މިއީ ބޮޑެތި މެޗްތަކުގައި ރިސްކެއް ނެގުމަށް އެންރީކޭ ބައެއް ފަހަރު ފަސްޖެހޭ ސަބަބެވެ.
ދެން އޮތް ދެނަމަކީ ބާސާގެ ކޮންޓްރެކްޓްގައި ހުރެ ލޯން އެއްބަސްވުމުގެ ދަށުން ސެވިއްޔާއަށް ކުޅެމުންދާ ޑެނިސް ސުއަރޭޒްއެވެ. ބެލެވޭ ގޮތުގައި އަންނަ ސީޒަނާ ކުރިމަތިލާއިރު ޑެނިސް ސުއަރޭޒް އަނބުރައި ބާސާގެ ޓީމަން ގެންނާނެއެވެ.

ސާޖީ ރޮބާޓޯ: ޒަވީ ނެތް ތަން ފޫބެއްދުމަށް ބާސާގެ މެދުތެރޭގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ ކުޅުންތެރިޔަކީ ސާޖީ ރޮބާޓޯއެވެ --- ފޮޓޯ/ ޑެއިލީ މެއިލް
އަނެއް ކުޅުންތެރިޔަކީ ބާސާގެ ޒުވާން ޓީމަށް ކުޅެމުންގެންދާ ކުރޮއޭޝިއާގެ ޢުމުރުން 18 އަހަރުގެ މިޑްފީލްޑަރު އެލެން ހަލިލްވިޗްއެވެ. އަންނަ ސީޒަންގައި ބާސާގެ ސީނިއާ ޓީމުން އޭނާ ފެނުމުގެ ފުރުސަތު ބޮޑެވެ. އޭނާއަކީ ޒަވީގެ ސްޓައިލާއި އެއްގޮތް ކަންތައްތަކެއް ހުރި ކުޅުންތެރިޔެކެވެ. ނަމަވެސް އޭނާއަށް އޮތް ގޮންޖެހުމަކީ ތަޖުރިބާ މަދުވުމެވެ.

ބާސާގެ ޒުވާން ޓީމްގެ މިޑްފީލްޑަރު އެލެން ހަލިލްވިޗް: އަންނަ ސީޒަންގައި އޭނާ ބާސާގެ ސީނިއާ ޓީމްގައި ކުޅޭނެކަމަށް ބެލެވޭ --- ފޮޓޯ/ އިންސައިޑް ސްޕެނިޝް ފުޓްބޯލް
ދެން އޮތްގޮތަކީ ޒަވީ ނެތްތަނަށް އާ ކުޅުންތެރިޔަކު ގެނައުމެވެ. ނަމަވެސް ޢުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިން ޓީމަށް ގެނައުމުގައި ފީފާގެ ގަވާޢިދުތަކާ ޚިލާފްވެފައިވާތީ ފީފާއިން ބާސާއާއި މެދު އަޅާފައިވާ ޓްރާންސްފާ ބޭން ފިޔަވަޅުގެ ސަބަބުން، ކުރިއަށް މިއޮތް ޓްރާންސްފާ މާކެޓްގައި އެޓީމަށް އާ ކުޅުންތެރިޔަކު ނުގެނެވޭނެއެވެ. ނުވަތަ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ލައްވައި ސޮއި ކުރުވި ނަމަވެސް، އެ ކުޅުންތެރިންނަށް އެޓީމަށް ކުޅެވޭނީ އަންނަ އަހަރު ޖެނުއަރީ 1 ގެ ފަހުންނެވެ.

ޑެނިސް ސުއަރޭޒް: ބާސާގެ ލޯން އެއްބަސްވުމުގެ ދަށުން ސެވިއްޔާއަށް ކުޅެމުން ގެންދާ ކުޅުންތެރިޔާ އަނބުރައި ބާސާގެ ޓީމަށް ގެންނާނެ ކަމަށް ބެލެވޭ --- ފޮޓޯ/ އިންސައިޑް ސްޕެނިޝް ފުޓްބޯލް
ރޭގެ މެޗަކީ ބާސާގެ ކެޕްޓަން ޒަވީ ހެނާންޑޭޒްގެ ފެއާވެލް މެޗްގެ ގޮތުގައި ބާސާގެ ސަޕޯޓަރުން ފާހަގަ ކުރި މެޗެވެ. ބާސާގެ 90000 ސަޕޯޓަރުންވަނީ ރޭގެ މެޗުގައި ޒަވީގެ ފެއާވެލް ފާހަގަކޮށްފައެވެ. އަދި ރޭ ކާމިޔާބު ކުރި 23 ވަނަ ސްޕެނިޝް ލީގް ތައްޓާއެކު ބާސާގެ ކުޅުންތެރިވެސް ވަނީ ޒަވީގެ ފެއާވެލް ފާހަގަކޮށްފައެވެ.

ޒަވިއަށް ބާސާގެ ސަޕޯޓަރުން ކިޔާ ފެއާވެލް ޒަވީގެ ކުރެހުމެއް ހިމެނޭ ބޮޑު ބެނާއެއް ސަޕޯތަރުން ހިފަހައްޓައިގެން ---- ފޮޓޯ/ އޭޕީ
ރޭ މުބާރާތުގެ ތަށި ކާމިޔާބު ކުރުމާއެކު މިއީ ޒަވީ ބަސާގެ ޖޯޒީގައި ކާމިޔަބު ކުރި އަށް ވަނަ ސްޕެނިޝް ލީގް މުބާރާތެވެ. އަދި މިއީ ޒަވީ ބާސާއަށް ކާމިޔާބުކޮށްދިން 23 ވަނަ މުބާރާތެވެ. އެހެންކަމުން އޭނާ ވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ފްރެންޗިސްކޯ ހެންޓޯ ލޯޕޭޒް ހެދި ރެކޯޑާ އެއްވަރުވެފައެވެ. ހެންޓޯގެ ރެކޯޑް މުގުރާލުމަށް ޒަވީއަށް ދެން ބޭނުންވަނީ އެންމެ ތައްޓެކެވެ. މިސީޒަންގައި އޭނާއަށް އެކަން ފުރިހަމަ ކުރުމަށް ދެ ފައިނަލެއް އެބައޮތެވެ. އެއީ މިމަހު 31 ވަނަ ދުވަހު އެތުލެޓިކް ބިލްބާއޮއާ ދެކޮޅަށް ނިކުންނަ ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝް ކަޕް ފައިނަލް މެޗާއި ޖޫން ހަ ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގް ފައިނަލް މެޗެވެ.
ސްޕެނިޝް ލީގް އެންމެ ފަހު މެޗްގައި ޑިޕޯޓިވޯ ލަކަރުނީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވަދާއި ބަސް އިއްވުމަށް ޒަވީއަށް ލިބުނު ފުރުސަތުގައި އޭނާ ރޯން ފެށުމުން ބާސާގެ އެތައް ސަޕޯޓަރުންގެ ލޮލުންވަނީ ކަރުނަ ފާއްދާލާފާއެވެ.

ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާދާއި ވާހަކައިގައި ޒަވީ ރޮނީ --- ފޮޓޯ/ ޓެލެގްރާފް
ޒަވީގެ ވަދާއީ ވާހަކައިގައި އޭނާ ބުނެފައިވަނީ މިއަދު އޭނާއަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމަށާއި ވޭތުވެދިޔަ 17 ސީޒަނުން އޭނާއަށް އެއުފާ ހާސިލު ވެއްޖެކަމަށެވެ.

ޑިޕޯޓިވޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާދާއި ވާހަކައިގައި ޒަވީ ރޮނީ --- ފޮޓޯ/ ޓެލެގްރާފް
ގަތަރުގެ 'އަލްސާދު' އާއެކު ތިން އަހަރުގެ އެއްބަސްވުމުގައި ޒަވީ ސޮއި ކުރާއިރު ވޭތުވެދިޔަ 17 އަހަރު ވަންދެން ބާސާގެ މެދުތެރެ ބެލެހެއްޓި ޢުމުރުން 35 އަހަރުގެ ކުޅުންތެރިޔާ ނެތްތަން ފޫބެއްދުމަށް ބާސާއިން ބޭނުން ކުރާނެ ފޯމިއުލާއަކާ މެދު ގިނަ ބަޔަކު ތިބީ ޝައުޤުވެރިވެފައެވެ. ޒަވީ ނެތް ހިނދެއްގައި ބާސާގެ ޒަމާނީ ސްޓައިލްގެ ފުޓްބޯޅައަށް ގެންނާނެ ޓެކްނިކަލް އާ ފޯމިއުލާއަކަށް ވެގެންދާނީ ކޮންކަމެއްތޯ ބަލާލަން ބޭނުންވެފައި ތިބި އެތަށް ބަޔަކު އެބަތިއްބެވެ.