ރޫމޭނިއާ ސަރުކާރުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު، ވަލަރިކާ އޭޕުރޭ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިއްޔެ އަރުއްވައިފި އެވެ.

އިއްޔެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ރޫމޭނިއާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ. އަދި ރާއްޖެއާއި ރޫމޭނިއާ އާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯއްދެވުމަށާއި، މިކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރޫމޭނިއާ ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށާއި، މިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށް ރޫމޭނިއާގެ ސަފީރު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގެންނެވިއެވެ.