ރާއްޖެ އައި ބަޔަކު ބޮޑީ ޕެެއިންޓު ކުރަން ބަރަހަނާވެގެން ނަގާފައިވާ ވީޑިއޯއެއްގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ އޮސްޓުރޭލިއާގެ ކުންފުންޏެއް ކަމަށްވާ ޑަބްލިއުބީ ޕްރޮޑަކްޝަން އާއި ދިވެހި ބަޔަކު ގުޅިގެން ރާއްޖޭގައި ނަގާފައިވާ އެ ވީޑިއޯގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު އެ މައްސަލަ ފުލުހުންގެ އަމިއްލަ އިސްނެގުމަކާއެކު ބަލަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ވީޑިއޯގެ މައްސަލައާ ގުޅިގެން އަދާލަތު ޕާޓީން ވެސް އެކަން ކުށްވެރިކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައި އެވެ.

އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޭރު ބަޔަކު ރާއްޖެ އައިސް ބަރަހަނާކޮށް ތިބެ ބޮޑީޕެއިންޓް ކުރި މައްސަލަ ތުހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ޝަރީއަތުގެ ކުރި މައްޗަށް ގެނައުމަށް ގޮވާލާ ކަމަށެވެ.

ބަޔާނެއްގައި ވަނީ ބަރަހަނާކޮށް ތިބެ ބޮޑީ ޕެއިންޓުކުރުމުގެ އަމަލަކީ ދިވެހީންގެ މެދުގައި އަޚްލާގީ ބަލި މަޑުކަމެއް އުފައްދައި، ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުކޮށް އިސްލާމްދީނުގެ ތަރައިން ދިވެހީން ނެރުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހީންގެ ބަޔަކު ހިންގާފައިވާ ދަށު ދަރަޖައިގެ މުޑުދާރު އަމަލެއް ކަމަށެވެ.

އިސްލާމްދީނުގެ ޝިއާރުތަކަށް ގޮންޖަހައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގާހިނދު އެކަން ހުއްޓުވުމަށްޓަކައި މަސައްކަތްކުރުމަށް އިލްމުގެ އަހުލުވެރިންނަށާއި އެންމެހައި ރައްޔިތުންނަށް ގޮވާލާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.