ސޮފްޓްވެއާ ޑިވެލޮޕަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ގޫގަލް އިން ބާއްވާ ކޮންފަރެންސް "ގޫގަލް އައި/އޯ" ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ކޮންމެ އަހަރަކު ކެލިފޯނިއާގައި ބާއްވާ އެ ކޮންފަރެންސަކީ ގޫގަލްގެ ޓެކްނޮލޮޖީސް ބޭނުން ކޮށްގެން ވެބް އާއި އެޕްލިކޭޝަން އާއި އޮޕަރޭޓިން ސިސްޓަމް އުފެއްދުމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ވޯކްޝޮޕްތައް ބޭއްވުމަށް ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

ގޫގަލްގެ ކީނޯޓް އެޑްރެސް އާންމު ކުރުމަށް ބާއްވާ ކޮންފަރެންސްގައި އެ ކުންފުނީގެ އައު ޕްރޮޖެކްޓްތަކާއި ޕްރޮޑަކްޓްތައް އަދި އަޕްޑޭޓްތައް ފެނިގެންދާނެ އެވެ.

މިދިޔަ އަހަރު އެ ކޮންފަރެންސް އެއްކޮށް އަމާޒުކޮށްފައިވަނީ އެންޑްރޮއިޑް އަށެވެ. އެގޮތުން މިދިޔަ އަހަރު ވަނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް "ލޮލިޕޮޕް" އެ ކޮންފަރެންސްގައި ދައްކާލާފައެވެ. އެގޮތުން ބުރާސްފަތި ދުވަހު ބާއްވާ ކޮންފަރެންސްގައި އެންޑްރޮއިޑްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް ދައްކާލާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ގިނަ ބައެއް އެންމެ އިންތިޒާރު ކުރާ ވާޗުއަލް ރިއަލިޓީއާއި ސެޓެލައިޓް އިމޭޖިންގެ މަސައްކަތްތައްް އެ ކޮންފަރެންސުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮންލައިން ނޫހެއް ކަމަށްވާ ސީނެޓް އިން ވަނީ ބުނެފައެވެ.