ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމަނައިގެން ސަރުކާރާއެކު މަޝްވަރާކުރުމަށް އެމްޑީޕީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ސަރުކާރާއެކު ކުރާ މަޝްވަރާގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ފާސްވީ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް ނަޝީދުގެ އިތުރުން މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވުމަށް ކަނޑައަޅާފައިވާ ބޭފުޅުންނަކީ ފުލުހުންގެ ހައްޔަރުގައި ހުންނެވި އެޕާޓީގެ ޗެއާޕާސަން އަލީ ވަހީދު އާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެމްޑީޕީން މިގޮތަށް ފާސްކޮށްފައިވާއިރު، އަދާލަތު ޕާޓީން ވަނީ އެ ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ބައިވެރިކޮށްގެން މަޝްވަރާކުރުމަށް ސަރުކާރަށް ހުށަހަޅާފައެވެ.

އިމްރާންގެ އިތުރުން މަޝްވަރާތަކުގައި އަދާލަތު ޕާޓީގެ ފަރާތުން ބައިވެރިވާ ބޭފުޅުންނަކީ އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދާއި އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުހައްމަދު ދީދީ އާއި ދިރާސާކުރުމާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފުއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ދައުވަތު ގަބޫލުކުރައްވައި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅައި އެކަން ސިޓީއަކުން ސަރުކާރަށް އަންގާފައެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވަނީ އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ނައިބު ލީޑަރު އަދި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.