28 Feb 2011, 10:33
މިއަހަރުގެ ވޮލީބޯޅައިގެ ޙަރަކާތްތައް ހިންގުމަށްޓަކައި 1.8 މިލިއަން ރުފިޔާގެ ބަޖެޓެއް ކޮންގްރެސްއިން ރޭ ފާސްކޮށްފި އެވެ.
18 ކްލަބަކުން ބައިވެރިވި ކޮންގްރެސްގައި ބަޖެޓް ފާސްކޮށްފައިވީ ބައިވެރިވި ކްލަބްތަކުގެ އިއްތިފާގުންނެވެ.
ނަސަންދުރަ ޕެލަސް ހޮޓަލުގައި ރޭ ބޭއްވި ކޮންގްރެސްގައި ވޮލީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު ވިދާޅުވީ އެހެން އަހަރުތަކަށްވުރެ ބޮޑަށް މިއަހަރު ޖޫނިއަރ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. "މިހާރުވެސް މާލޭގެ ވަރަށް ގިނަ ސްކޫލަތަކެއްގައި އެސޯސިއޭޝަނުން ކޯޗުން ފޮނުވައިގެން ހަރަކާތްތައް މިދަނީ ހިންގަމުން. އެ ހަރަކާތްތަކުން ރަނގަޅު ފެންވަރުގެ ކުދިންތަކެއް އުފެދޭނެ ކަމަށް އެސޯސިއޭޝަނުން ޔަގީން ކުރަން" ރިޔާޒު ވިދާޅުވިއެވެ. މިއަހަރުގެ ބަޖެޓްގައި މި ހަރަކާތްތައް ހިންގުމަށް ގާތްގަޑަކަށް 4 ލައްކައެއްހާ ރުފިޔާ ވަނީ ހިމަނާފައެވެ.
ރިޔާޒު ވިދާޅުވީ އަތޮޅުތަކުގައިވެސް މިހަރަކާތް މިއަހަރު ކުރިއަށް ގެންދާ ގޮތަށް ރޭވިފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ރަށްތަކެއް ފައިނަލުނުވާ ކަމަށެވެ.
ކޮންގްރެސްގައި މިދިޔަ އަހަރުގެ ރިޕޯޓް ހުށަހެޅުމުގެ އިތުރުން ކްލަބްތަކުން ކުރި ސުވާލުތަކަށް އެސޯސިއޭޝަނުން ވަނީ ޖަވާބު ދީފައެވެ.