24 May 2015, 13:57
ސްޕެނިޝް ލީގްގެ އެންމެ ފަހު މެޗްތަކުގައި ޗެމްޕިއަން ބާސެލޯނާ ޑިޕޯޓިވޯ ލަކަރޫނިއާއާ ދެކޮޅަށް ކުޅެ 2-2 ން އެއްވަރުވެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ގަޓޭފޭގެ މައްޗަށް 7-3 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބު ހޯދައިފިއެވެ.
މިސީޒަންގެ ސްޕެނިޝް ލީގް ކަށަވަރުކޮށްފައިވާ ބާސެލޯނާއިން ރޭ އަމިއްލަ ދަނޑު ކޭމްޕްނޯ ގައި ކުޅުނު މެޗްގައި ބާސާގެ ދެލަނޑުވެސް ޖަހައިދިނީ އާޖެންޓީނާގެ ފޯވަޑް ލިއޮނަލް މެސީއެވެ.

ރޭގެ މެޗްގައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ކުރަނީ --- ފޮޓޯ/ އޭޕީ
މެސީ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗް ފެށިގެން ފަސް މިނެޓް ތެރޭގައެވެ.
މިއީ ރަފޭލް އަލްސަންޓްރާ ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ކަމިޔާބުކޮށްދިން ލަނޑެކެވެ.
މެސީގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން ދެވަނަ ހާފުގެ 14 ވަނަ މިނެޓް ތެރޭގައެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔަބު ކުރި 43 ވަނަ ލަނޑެވެ. މިލަނޑާއެކު އޭނާ އުޅެނީ ލަނޑު ލިސްޓްގެ ދެ ވަނައިގައެވެ.

ރޭގެ މެޗަށްފަހު މެސީ އޭނާގެ ދަރިފުޅާއެކު އުފާ ކުރަނީ --- ފޮޓޯ އޭޕީ
ޑިޕޯޓިވޯގެ ފުރަތަމަ ލަނޑު ލޫކަސް ޕިރޭޒް ކާމިޔާބު ކުރީ ދެވަނަ ހާފްގެ 22 ވަނަ މިނެޓްގައެވެ.
ޑިޕޯޓިވޯ އެއްވަރު ކުރި ލަނޑު ޖަހައިދިނީ މެޗްގެ 31 ވަނަ މިނެޓްގައި ޑިއޭގޯ ފެރާރޭ ސަލޯމޯއެވެ.
ރޭ ރެއާލްގެ އަމިއްލަ ދަނޑު ސެންތިއާގޯ ބެރްނަބިއުގައި ކުޅުނު މެޗްގައި ރެއާލްގެ ފުރަތަމަ ލަނޑުވެސް ކަމިޔާބު ކުރީ ރޮނާލްޑޯއެވެ.
ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި ރޮނާލްޑޯ ލަނޑު ކާމިޔާބުކުރީ ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ނެގި ހުރަސް ބޮލުން ފޮނުވާލައިގެންނެވެ.
ރޮނާލްޑޯ އެލަނޑު ކާމިޔާބު ކުރިތާ 10 މިނެޓް ފަހުން ފުރަތަމަ ހާފްގެ 23 ވަނަ މިނެޓްގައި ގަޓޭފޭގެ ޑިފެންޑަރު ސާޖިއޯ އެސްކްޑޫރޯ ޕަލަމާއޯ ވަނީ ގަޓޭފޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެ ތިން މިނެޓްފަހުން ފުރަތަމަ ހާފްގެ 26 ވަނަ މިނެޓްގައި ގަޓޭފޭއިން ވަނީ މެޗްގެ ލީޑް ނަގާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއޭގޯ ކާސްޓްރޯއެވެ.
ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ 32 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ އެވެ.
އޭގެ ދެ މިނެޓްފަހުން ރެއާލްއަށް ލިބުނު ޕެނަލްޓީގައި ރޮނާލްޑޯ ވަނީ އަލުން ރެއާލްއަށް ލީޑް ނަގައިދީފައެވެ.

ރޮނާލްޑޯ އޭނާވަނީ 48 ލަނޑު ޖަހައި މިސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިގެން ލަނޑު ލިސްޓްގައި ހަމަޖެހިލާފައި. --- ފޮޓޯ/ އޭޕީ
މިޕެނަލްޓީއަކީ ރެއާލްގެ ފޯވަޑް ޗިޗަރީޓޯއަށް ގަޓޭފޭގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ގަޓޭފޭގެ ޑިފެންޑަރު ކާލޯސް މާޓިން ކުރި ފައުލާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
ރެއާލްއަށް ލީޑްގައި މާގިނައިރަކު ހަމަޖެހިގެން ނޯވެވުނެވެ. ލީޑް ނެގިތާ އަށް މިނެޓްފަހު ފުރަތަމަ ހާފްގެ 42 ވަނަ މިނެޓްގައި އަލްޖީރިއާގެ ޤައުމީ ޓީމްގެ މިޑްފީލްޑަރު މަހްދީ ލޭކަން ވަނީ ގަޓޭފޭއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
ފުރަތަމަ ހާފް 3-3 ގެ ނަތީޖާއަކުން އެއްވަރުވި އިރު ދެވަނަ ހާފްގައި ރެއާލްއިން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

ރޮނާލްޑީގެ ބަދަލުގައި ޢުމުރުން އޮޑިގާޑް ކުޅެން އަރަނީ --- ފޮޓޯ/ އޭޕި
އެގޮތުން ފުރަތަމަ ހާފްގެ ދެ ވަނަ މިނެޓްގައި "ޗިޗަރީޓޯ" ހެނާންޑޭޒް ވަނީ ރެއާލްއަށް ލީޑް ނަގައިދީފައެވެ.
ރެއާލްގެ ފަސް ވަނަ ލަނޑު ދެ ވަނަ ހާފްގެ 6 ވަނަ މިނެޓްގައި ޖޭމްސް ރޮޑްރިގޭޒްއެވެ. މިއީ ލިބުނު ފުރީ ކިކަކުން ކާމިޔާބު ކުރި ލަނޑެކެވެ.
ރެއާލްގެ ހަ ވަނަ ލަނޑު ދެ ވަނަ ހާފްގެ 26 ވަނަ މިނެޓްގައި ޖޭމްސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޖޭސް ރޮޑްރިގޭޒްއެވެ.
ރެއާލްގެ ހަތް ވަނަ ލަނޑު މެޗްގެ އެންމެ ފަހު މިނެޓްގައި ޖޭމްސް ތަނަވަސްކޮށްދިން ފުރަސަތަކުން ކާމިޔާބުކުރީ މާސެލޯއެވެ.
ރޭގެ މެޗްގައި ރެއާލުން ވަނީ އެޓީމްގެ ޢުމުރުން 16 އަހަރުގެ ނޯވޭގެ ފޯވަޑް މާޓިން އޮޑިގާޑް ކުޅެން އަރުވާފައެވެ. އޭނާ ކުޅެން އެރީ ދެވަނަ ހާފްގެ ހާފުގެ 13 ވަނަ މިނެޓްގައި ރޮނާލްޑޯގެ ބަދަލުގައެވެ. މިއީ އޮޑިގާޑް ރެއާލްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗްގައި އޮޑިގާޑް އަތުން ބޯޅަ ހޯދުމަށް ގަޓޭފޭގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ފޮޓޯ/ އޭޕީ
ރޭގެ މެޗްގައި ރޮނާލްޑޯ ހެދި ހެޓްރިކާއެކު އޭނާ ވަނީ މިސީޒަންގައި 48 ލަނޑު ޖަހައިގެން ލަނޑުލިސްޓްގެ އެންމެ ކުރިގައި ހަމަޖެހިލާފައެވެ.
ރޭގެ މެޗުން އެއްވަރުވެ ބާސާ ލީގް ނިންމަލީ 94 ޕޮއިންޓާއެކުއެވެ.
ރެއާލް މެޑްރިޑް ލީގް ނިންމާލީ 92 ޕޮއިންޓާއެކުއެވެ.
ރޭގެ މެޗް ނިމުމުން ބާސާއަށް ވަނީ ސްޕެނިޝް ލީގް ތަށި ހަވާލުކޮށްފައެވެ.

ސްޕެނިސް ލީގްގެ ތަށި އުފުލާލުމަށްފަހު ބާސާގެ ކުޅުންތެިން އުފާ ކުރަނީ --- ފޮޓޯ/ އޭޕީ
ބާސާ މިފަހަރު ލީގްގެ ތަށި އުފުލާލުމުން މިއީ އެ ޓީމުން ސްޕެނިޝް ލީގް ކާމިޔާބު ކުރި 23 ވަނަ ފަހަރެވެ.
ސްޕެނިޝް ލިގް އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ ރެއާލް މެޑްރިޑެވެ. އެ ޓީމުން ވަނީ 32 ފަހަރު ސްޕެނިޝް ލީގް ކާމިޔާބުކޮށްފަ އެވެ.
ރޭގެ މެޗަކީ ބާސާގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބާސާއަށް ކުޅޭނެ އެންމެ ފަހު ލީގް މެޗެވެ.

ޒަވީ އެޓީމް ދޫކޮށް ދާތީ ބާސާގެ ކުޅުންތެރިން ޒަވީ އާއެކު ފެއާވެލް ފާހަގަ ކުރަނީ --- ފޮޓޯ/ އޭޕީ

ޒަވިއަށް ބާސާގެ ސަޕޯޓަރުން ކިޔާ ފެއާވެލް ޒަވީގެ ކުރެހުމެއް ހިމެނޭ ބޮޑު ބެނާއެއް ސަޕޯޓަރުން ހިފަހައްޓައިގެން ---- ފޮޓޯ އޭޕީ

ބާސާގެ ކެޕްތަން ޒަވީ ލީގު ތަށި އުފުލާލަނީ --- ފޮޓޯ: އޭޕީ