24 May 2015, 13:45
ގްރޭޑް 10 ނިންމުމަށްފަހު ފުވައްމުލަކުގައި ތިބި ޒުވާނުންނަށް ހާއްސަކޮށްގެން މަންދުކޮލެޖުން 100 ފުލް ސްކޯލާޝިޕް ހުޅުވާލައިފި އެވެ.
މަންދުކޮލެޖުން ފުވައްމުލަކަށް ހާއްސަކޮށް ހުޅުވާލާފައިވާ ސްކޮލާޝިޕްގައި ޓޫރިޒަމް ދާއިރާ އާއި އައިޓީގެ އިތުރުން ބިޒްނަސް ދާއިރާގެ ސްކޮލާޝިޕްތައް ހިމެނެ އެވެ.
މަންދުކޮލެޖުގެ ޑެޕިއުޓީ ވައިސްޗެއާ އެކަޑަމިކް، ހަފީޒާ އަފީފް "ސަން" އަށް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން ފުވައްމުލަކު ކައުންސިލްގެ އެދުމަކަށް މަންދުކޮލެޖުގެ ޓީމެއް އެރަށަށް ޒިޔާރަތްކުރި ކަމަށެވެ. އަދި އެ ރަށުގައި ގްރޭޑް 10 ނިމުނު އިރު އެކަށީގެންވާ ނަތީޖާއެއް ނުލިބުނު ކުދިން ދެން އިތުރަށް ކުރިއަށްދާނެ ގޮތެއް ނޭނގިފައި ތިބިކަން ފާހަގަވީ ކަމަށެވެ.
"އަޅުގަނޑުމެންގެ ދަތުރުގައި އެފަދަ ކަންކަން ފާހަގަ ވުމުން ކައުންސިލްގެ އެދުމުގެ މަތިން އަޅުގަނޑުމެން ނިންމީ އެރަށަށް ސްކޮލާޝިޕްތަކެއް ހުޅުވާލަން،" ހަފީޒާ ވިދާޅުވި އެވެ.
ހަފީޒާ ވިދާޅުވީ، ފުވައްމުލަކު ކައުންސިލް މެދުވެރިކޮށް އެ ސްކޮލާޝިޕްތަކަށް އެދި ފޯމް ހުށަހެޅޭނެ ކަމަށެވެ. އަދި ކޯސްތައް ކިޔަވައިދޭނީ ފުވައްމުލަކުގައި މަންދުކޮލެޖުން ގާއިމްކޮށްފައިވާ "ވާޗުއަލް ކެމްޕަސް" މެދުވެރިކޮށް ކަމަށް ހަފީޒާ ވިދާޅުވި އެވެ.
އެ ފުރުސަތު ފުވައްމުލަކު ކުދިންނަށް ހޯދައިދިނުމުގައި އެރަށު ކައުންސިލުން ދިން އެއްބާރުލުމަށް މަންދުކޮލެޖުން ޝުކުރުއަދާކުރެ އެވެ.