24 May 2015, 12:43
މ. މުލީ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ މިސްރުގެ ޑޮކްޓަރެއް އެރަށު އާންމު ރައްޔިތަކާ ދެމެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
މުލީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، އެރަށު ހޮސްޕިޓަލުގައި ވަޒީފާއަދާކުރަމުންދާ ޑޮކްޓަރަކު މާރާމާރީ ހިނގާފައިވަނީ ޑޮކްޓަރުގެ ދަރިފުޅަކާއި، އާންމު ރައްޔިތަކާއި ދެމެދު ހިނގި މައްސަލައެއްގައި ކަމަށެވެ.
އިއްޔެ ހަވީރު 6:30 އެހާކަންހާއިރު ހިނގި އެމާރާމާރީގައި އާންމު ރައްޔިތު މީހާގެ "ކަރުގައި ހިފަައި ނޭވާ ނުލެވެން ހެދީމަ ދޫކޮށްލީ" ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދީ އޭގެ ފަހުންވެސް އާންމު ރައްޔިތު މީހާގެ "އަތް އަނބުރާލާފައި" ވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ހޮސްޕިޓަލުގެ އޮފިޝަލު ވިދާޅުވީ، މިހާރު އެޑޮކްޓަރު ވަނީ މޭގައި ރިއްސާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށެވެ.
ފުލުހުން ބުނީ، މުލީގައި މަރާމާރީ ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ޑޮކްޓަރަކު ގެންގޮސްފައިވާ ކަމަށާއި، އޭނާ ގެންގޮސްފައިވަނީ އާންމުންގެ ފަރާތުން ލިބިދާނެ ގެއްލުމަކަށް ބަލައި ފުލުހުންގެ ހިމާޔަތް ދިނުމުގެ ގޮތުން ކަމަށެވެ.
މިސްރުގެ އެ ޑޮކްޓަރު މުލީގައި ހުއްނަތާ އެއްއަހަރު ފުރޭނީ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ އެރަށުގައި ދިރިއުޅެނީ އަންހެނުންނާއި ހަތް ކުދިންނާއި އެކު އެވެ.