މިއަހަރުގެ ވޮލީބޯޅަ ސީޒަން ހުޅުވާ މެޗު އަންނަ ހުކުރު ދުވަހު ރީތިރަށް ރިސޯޓްގައި ކުޅޭ ގޮތަށް ވޮލީ އެސޯސިއޭޝަނުން ހަމަޖައްސައިފި އެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ 2010 ވަނަ އަހަރުގެ ކޮންގްރެސްއަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން ވޮލީ އެސޯސިިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒު ވިދާޅުވީ ސީޒަން ހުޅުވާ މެޗު ފުރަތަމަ ފަހަރަށް މާލޭން ބޭރުގައި ކުޅެނީ ސްޕޮންސަރޝިޕެއްގެ ދަށުން ކަމަށެވެ.

"ވަރަށް ކުލަގަދަކޮށް މިމެޗު ބޭއްވުމަށް މިދަނީ ރާވަމުން. މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ރީތިރަށް ރިސޯޓް" ރިޔާޒު ވިދާޅުވިއެވެ. ސިފައިންނަކީ މިދިޔައަހަރު ފުރަތަމަ ޑިވިޝަނަށް ހާއްސަކޮށްގެން ބޭއްވި ހުރިހާ މުބާރާތެއްގެ ޗެމްޕިއަނެވެ. ރީތިރަށަކީ ރިސޯޓް އޯޕަން މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

ރިޔާޒު ވިދާޅުވީ ސީޒަން ހުޅުވަން ކުޅޭ މެޗުގެ ރަސްމިއްޔާތުގެ ތެރޭގައި 2009 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ ވޮލީބޯޅައިގެ އެވޯޑް ދިނުންވެސް އޮންނާނެ ކަމަށެވެ.

"ތަފާތު ސަބަބުތަކާހުރެ މިދިޔަ އަހަރު އެކަން ނުވެ އޮތީ. އެހެންވެ މި ރަސްމިއްޔާތުގައި ދެ އަހަރުގެ އިނާމުތައް ވަކިވަކިން ދޭ ގޮތަށް ވަނީ ހަމަޖެހިފައި. 2008 ވަނަ އަހަރު ހޮވި މުހިއްމު ހުރިހާ މަގާމެއް މިފަހަރުވެސް ހިމެނޭނެ. މީގެ އިތުރުން ބީޗް ވޮލީގެ މޮޅު ކުޅުންތެރިންވެސް މިފަހަރު ހޮވާ ގޮތަށް ވަނީ ހަމަޖައްސާފަ" ރިޔާޒު ވިދާޅުވިއެވެ.

މިއަހަރުގެ ވޮލީ ސީޒަން ހުޅުވާ މެޗު ކަލަންޑަރުގައި ހިމަނާފައެއް ނުވެއެވެ. އެސޯސިއޭޝަނުން ބުނެފައިވަނީ ކަލަންޑަރަށް ނުލެވިވަނީ އޮޅުމަކުން ކަމަށެވެ. ސީޒަން ހުޅުވާ މެޗު ކުޅޭތާ 1 ދުވަސްފަހުން ޕްރެޒިޑެންޓްސްކަޕް ވޮލީ މުބާރާތް ފަށާނެ އެވެ. ނަމަވެސް އެއީ މިދިޔައަހަރުގެ މުބާރާތެވެ.