މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތިން ހިނގާފައި ދަނިކޮށް ފުލުސް މީހަކު ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު އަނިޔާކުރި މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެ 16:00 ހާއިރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުސް މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެ ހާދިސާގައި ފުލުސް މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ވެސް އެހެން ބައެއް ޒަހަމްތައް އޭނާ އަށް ވަނީ ލިބިފަ އެވެ.

ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހަކަށް ހަމަލާދީފައިވާ އިރު މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ވެސް ދެ ފުލުހަކަށް ހަމަލާ ދިނިމުގެ ސަބަބުން އިތުރު ފަރުވާ ހޯދުމަށް ލަންކާ އަށް ވަނީ ފޮނުވާލާފައި އެވެ. އަދި އެކަމުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ވެސްކޮށްފަ އެވެ.