ބަނގުރާކަމަށް ޝައްކުކުރެވޭ ފަސް ފުޅިއާ އެކު ހުޅުމާލެ އިން ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 16 އަހަރުގެ ކުޑަކުއްޖެކެވެ.

ފުލުހުން ބުނީ އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އިއްޔެ ހަވީރު ކަމަށާއި އެ ކުއްޖާ ހައްޔަރު ކުރީ ހުޅުމާލޭ އިރުމަތީ ފަރާތު ޕަމްޕް ސްޓޭޝަނަށް ކުއްޖަކު ކޮތަޅެއް ހިފައިގެން ވަންކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލުމުން ކަމަށެވެ.

އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޕަމްޕް ސްޓޭޝަން އެތެރެއަށް ފުލުހުންވަދެ ބަލައި ފާސްކުރި އިރު އެތަނުގައި ހުދު ކޮތަޅެއްގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ފަސް ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ހުޅުމާލެ ޕޮލިސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.