ރިޔާޒް (މޭ 24): ސައޫދީ އަރަބިޔާގެ އަލްގަދީޙް ގައި ހުންނަ ޝިޔައީންގެ މިސްކިތަށް މިދިޔަ ހުކުރުދުވަހު ދިން ޖާނުންފިދާވުމުގެ ހަމަލާއަކީ ސައޫދީ މުޖްތަމައުގައި ފިތުނަ އުފެއްދުމުގެ ޙަމަލާއެއް ކަމަށް އެގައުމުގެ މުފްތީ އަބްދުލްއަޒީޒް އާލުއްޝައިޚް ސިފަކުރައްވައިފިއެވެ.

ސައޫދީ ރަސްމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އާލުއްޝައިޚް ވިދާޅުވީ، އައިއެސް ޖަމާއަތުން ހިންގި މި ޓެރަރިސްޓް ޙަމަލާތަކަށް ބަދަލުހިފުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ސައޫދީ ޝިޔައީން ކެތްތެރިވާންޖެހޭ ކަމުގައެވެ. އެހެންކަމުން ކެތްތެރިވުމަށް ސައޫދީ ޝިޔައީންނަށް އާލުއްޝައިޚް އިލްތިމާސް ކުރެއްވިއެވެ.

އާލުއްޝައިޚް ވިދާޅުވީ، ސައޫދީ ޝިޔައީ މުސްލިމުންނަކީވެސް ސައޫދީ މުޖްތަމައުގެ ބައެއްކަމަށާއި އެމީހުންގެ ހައްގުތައް ސައޫދީ ވެރިކަމުގެ ފަރާތުން ހިމާޔަތް ކުރާނެ ކަމުގައެވެ.

ސައޫދީ އަރަބިޔާގެ އަލްގަދީޙް ގައި ހުންނަ ޝިޔައީންގެ ހުކުރު މިސްކިތަށް މިދިޔަ ހުކުރުދުވަހު އަމިއްލައަށް މަރުވެގެން މީހަކު ދިން ޙަމަލާއެއްގައި 21 މީހުން މަރުވެ ދުއިސައްތައަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެއެވެ. ސައޫދީ ސަރުކާރުންވަނީ މިއީ ޓެރަރިސްޓް ޙަމަލާއެއްކަމަށް ސިފަކޮށް މިކަމުގެ ފަހަތުގައިވާ ފަރާތްތައް ހޯދައި އެމީހުން އިންސާފުގެ ކުރިމައްޗަށް ޙާޒިރު ކުރާނެ ކަމަށް ބުނެފައެވެ.

މިޙަމަލާ ދީފައިވަނީ އައިއެސްއާ އެކު ހަނގުރާމަ ކުރުމަށްފަހު އެނބުރި ސައޫދީ އަރަބިޔާއަށް އައިސް އުޅޭ އެގައުމުގެ ހައްދު ފަހަނަޅާފައިވާ ޒުވާނުންތަކެއް ރާވައިގެންކަމަށް ސައޫދީ ސަރުކާރުން ލަފާކުރެއެވެ.

ސައޫދީ އަރަބިޔާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޝިޔައީ މުސްލިމުން މައިގަނޑު ގޮތެއްގައި ދިރިއުޅެނީ އެގައުމުގެ އިރުމަތީ ސަރަހައްދުގައެވެ.

ޝިޔައީންނާމެދު ތަފާތުކުރުންތައް ގެންގުޅުމާއި ޝިޔައީން ނިކަމެތިކޮށްލާފައިވާ ކަމުގެ ތުހުމަތު ސައޫދީ ސަރުކާރުގެ މައްޗަށް ޒަމާނުއްސުރެ ކުރެވިފައިވެއެވެ. އެހެންކަމުން ހައްގުތައް ހޯދުމަށްޓަކައި ދޭތެރެދޭތެރެ އިން ޝިޔަޢީން މުޒާހަރާތައްކޮށް އަޑުއުފުލަމުން ގެންދެއެވެ. (އަލްޖަޒީރާ)