ބޭރު ބަޔަކު ރާއްޖެ އައިސް ބަލަހަނާކޮށް ތިބެ ބޮޑީޕެއިންޓް ކުރި މައްސަލަ ތުހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ޝަރީއަތުގެ ކުރި މައްޗަށް ގެނައުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބަރަހަނާކޮށް ތިބެ ބޮޑީ ޕެއިންޓުކުރުމުގެ އަމަލަކީ ދިވެހީންގެ މެދުގައި އަޚްލާގީ ބަލި މަޑުކަމެއް އުފައްދައި، ރާއްޖޭގެ އިޖުތިމާއީ ފޭރާން އިތުރަށް ހަލާކުކޮށް އިސްލާމްދީނުގެ ތަރައިން ދިވެހީން ނެރުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހީންގެ ބަޔަކު ހިންގާފައިވާ ދަށު ދަރަޖައިގެ މުޑުދާރު އަމަލެއް ކަމަށެވެ.

"އެހެންކަމުން ދިވެހި ފުލުހުންނަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް މި މައްސަލަ ތަހުގީގުކޮށް މި ނުބައިވެގެންވާ ޖަރީމާ ހިންގި ބަޔަކު އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގެ ކުރި މައްޗަށް ހާޒިރުކުރުމަށް ގޮވާލަމެވެ،" އަދާލަތުގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ އެކަމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ތައާރަޒުވާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވުމަށާއި އަދި އިތުރަށް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އިސްލާމްދީން ހިމާޔަތް ކުރުމުގެ ޒިންމާ އުފުލުމަށް ހަވާލުވެތިބި ދައުލަތުގެ ވެރިންނަށް ގޮވާލާ ކަމަށެވެ.

އިސްލާމްދީނުގެ ޝިއާރުތަކަށް ގޮންޖަހައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގާހިނދު އެކަން ހުއްޓުވުމަށްޓަކައި މަސައްކަތްކުރުމަށް އިލްމުގެ އަހުލުވެރިންނަށާއި އެންމެހައި ރައްޔިތުންނަށް ގޮވާލާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.