ފުލުހުންނަށް އަނިޔާކޮށް ފުލުހުންގެ އާއިލާތަކަށް ގެއްލުންދެނީ މުޒާހިރާތަކުގައި ފުލުހުންނާމެދު ނުބައި ތަޞައްވުރެއް އުފައްދަން ބަޔަކު ކުރަމުންދާތީ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.

ފުލުހަކު ގެއަކަށް ވައްދައި މާރާމާރީ ހިންގައި އަނިޔާ ކުރި މައްސަލާގައި ފުލުހުންގެ ވެބްސައިޓަށް ދެއްވި އިންޓަވިއުއެއްގައި ހުސައިން ވަހީދު ވިދާޅުވީ ފުލުހުންނާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދައި ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ފުލުހުންނާ ކުރިމަތިލުމަށް ގޮވާލައި ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ ސަބަބުން ފުލުހުންނާމެދު އަނިޔާވެރިކަން އިސްކުރަން ބައެއް މީހުންނަށް ހިތްވަރު ލިބިގެންދާ ކަމަށެވެ.

ސަލާމަތާ ރައްކާތެރިކަން ދަމެހެއްޓުމަށް ރެޔާ ދުވާލު މަސައްކަތުގައި ދެމި ތިބޭ ފުލުހުންނަށް ޙަމަލާ ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން އެގޮތަށް ނުކުރުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ފުލުހުންނަށް އަނިޔާ ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް ސިފަ ކުރައްވައި ސީޕީ ވިދާޅުވީ އެފަދަ ގޮތަކަށް ފުލުހުންނަށް ޙަމަލާދީގެން ޖިނާއީ ކުށްތައް ހުއްޓުވަން ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުވައި ނުލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފުލުހުންނާ މަތިކޮށްފައިވާ ޤާނޫނީ ވާޖިބު އަދާކުރުމުގައި ދިވެހި ފުލުހުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށާއި ބައެއްގެ އެފަދަ ފިނޑި ޢަމަލަކުން ފުލުހުންގެ ބަދަހި ސަފުތައް އަދި ފުލުހުން ކުރާ ބުރަ މަސައްކަތް އެންމެ އިންޗިއެއް ވެސް ފަހަތަށް ޖައްސައި ނުލެވޭނެ ކަމަށެވެ. މިފަދަ އިންސާނިއްޔަތާ ޚިލާފު އަނިޔާ ފުލުހުންނަށް ދީގެން ފުލުހުންގެ މަސައްކަތް ހުއްޓުވޭނެ ކަމަށް ޤަބޫލު ކުރުމީ ދެރަ ކަމެއް ކަމަށް ވެސް ހުސައިން ވަހީދު ވިދާޅުވި އެވެ.

ރޭ އިރާކޮޅު މާލޭގައި ފުލުހަކަށް ޙަމަލާދީފައި ވަނީ މައްޗަންގޮޅީ ގެއަކަށް ވެއްދުމަށްފަހު އެވެ. އެ މައްސަލައާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.