23 May 2015, 19:31
އެމަޖެންސީ އެމްބިއުލާންސްގެ ޚިދުމަތް ފެށުމުގެ ގޮތުން ރާއްޖެއަށް ހަތަރު ޕެރެމެޑިކު އެމްބިއުލާންސް ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ހުސައިން ރަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ޚިދުމަތް ފެށުމަށް ނިންމާފައި ވަނީ ރާއްޖޭގެ ބޮޑު ދެ ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން ޕެރެމެޑިކު އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ހަމަޖެހިފައި ވަނީ އައްޑު އަތޮޅާއި ލ. އަތޮޅުގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އެ ދެ ސަރަހައްދުގައި ޕެރެމެޑިކު އެމްބިއުލާންސް ދިނުމަށް ނިންމާފައި ވަނީ އެ ސަރަހައްދުތަކަކީ އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާ ސަރަހައްދުކަށް ވާތީ ކަމަށެވެ. ހުސައިން ވިދާޅުވީ އެ މަސައްކަތް ފެށޭއިރު އެމްބިއުލާންސްގައި ހިދުމަތް ދޭނެ މީހުން ވެސް ތިބޭނީ ހަމަޖެހިފައި ކަމަށެވެ. އޭނާ ވިދާޅުވީ އެމްބިއުލާންސްގައި ތިބޭނީ އެކަމަށް ޓްރެއިނިން ވެފައި ތިބި މީހުން ކަމަށެވެ.
ޕެރެމެޑިކު އެމްބިއުލާންސްގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމަށް ހެލްތު މިނިސްޓުރީއާ އެސްޓީއޯއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ސިއްހީ ޚިދުމަތް އެއްގަމު މަގުން ޔަގީން ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހެލްތު މިނިސްޓްރީއަށް 54 އެމްބިއުލާންސް ހޯދުމަށް އެސްޓީއޯއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގަ އެވެ.