މިދިޔަ މަހު 25 ވަނަ ދުވަހު ނޭޕާލަށް އައި 7.8 މެގްނަޓިއުޑްގެ ބިންހެލުމުނުގައި ގެއްލުނުން ލިބިފައިވާ ފަރާތްތަކަށް އެހީވުމަށް ކުޅުނު ޗެރިޓީ މެޗް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޓީމާ ދެކޮޅަށް ކުޅެ ކުރީގެ ކުޅުންތެރިން ޓީމް ނުވަތަ ވެޓްރަންސް އެސޯސިއޭޝަންއިން 4-0 ލަނޑުން ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗްގައި ދެ ޓީމްގެ ކުޅުންތެރިންގެ ޒޯޒީ ނީލަން ކިއުން އޮތެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރަގެ މެންބަރު މުޙައްމަދު މުސްޠޮފާ ތުރުކުރުއްވި ޖޯޒީ ވަނީ 20،000 ރުފިޔާއަށް ވިކިފަ އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވެސް ވަނީ ފަންޑަށް 25،000 ރުފިޔާ ހަދިޔާ ކޮށްފައެވެ.

އެ މެޗްގެ ހުރިހާ ޓިކެޓެއް ވަނީ ވިކިފަ އެވެ. އެގޮތުން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވަނީ 105000 ރުފިޔާއަށް ހުރިހާ ޓިކެޓެއް ގަނެފައެވެ.

ދިވެހިންގެ ފަރާތުން ނޭޕާލު ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ބާއްވާ މި ހާއްސަ ޓެލެތޯނުގައި އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރުފިޔާއިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ނަމަ ބީއެމްއެލްގެ އެކައުންޓް 7701-176022-011 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701-176022-0202 އަށް ޑޮލަރު ޖަމާކުރައްވަމުން ގެންދަވާށެވެ.

އޭގެ އިތުރުން އިސްލާމިކް ބޭންކެ މެދުވެރިކޮށް ނޭޕާލުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރި ވުމަށް ރުފިޔާއިން ނަމަ 99010155500036-100 އަދި ޑޮލަރުން އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 9901-0155500036-200 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރައްވަމުން ގެންދަވާށެވެ.