23 May 2015, 18:00
ލައިފް ފެން ބާޒާރަށް ނެރެފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކުރުމަށްފަހު ކަމަށް އިންޓަނޭޝަނަލް ބެވަރެޖެސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލައިފް ބްރޭންޑުގެ ކޮންމެ ބެޗެއް ވެސް ވިއްކުމަށް ނެރެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނޭޝަނަލް ހެލްތު ލެބޯޓަރީން ޓެސްޓުކޮށް އެއީ އިންސާނުން ބުއިމަށް ކަމުދާ ފެންކަމުގެ ޔަގީންކަން އެ ލޮބޯޓަރީން ލިޔުމުން ދިނުމުން ކަމަށެވެ.
"މިގޮތުން ބެޗް ނަންބަރު 226 ފެން ވެސް ބާޒާރަށް ނެރެފައި ވަނީ ނޭޝަނަލް ހެލްތު ލެބޯޓަރީ އިން އޭގެ ކޮލިޓީ މޮނިޓާ ކުރެއްވުމަށްފަހު އެއީ އިންސާނުން ބުއިމަށް ކަމުދާ ފެންކަމުގެ ޔަގީންކަން ދިނުމުންނެވެ،" އެ ބަޔާނުގައިވެ އެވެ.

ބެޗު ނަމްބަރު 226 ޓެސްޓްކޮށް ދީފައިވާ ލިއުޔުން --
އެ ބަޔާނުގައި ވަނީ ބެޗު ނަންބަރު 226 ގެ ފެން ބަންދުކޮށްފައި ވަނީ ހަމައެކަނި 1.5 ލީޓަރުގެ ފުޅީގައި ކަމަށެވެ. އަދި އެބެޗުގެ ފެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިރުޝާދު ދީފައިވާ ގޮތަށް ވިއްކުން ހުއްޓާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"މިކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެން ދާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ގުޅިގެން އެ އޮތޯރިޓީ އިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް، މި ކުންފުނީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިންސާނުން ބޯން ކަމުދާ ފެން ފޯރުކޮށްދިނުމަށެވެ،" އެ ބަޔާނުގައިވެ އެވެ.