ދުބާއީގެ ޖުމެއިރާ ގްރޫޕުން ރާއްޖޭގައި ހިންގަމުން އަންނަ ޖުމެއިރާ ވިއްޓަވެލި ރިސޯޓަށް "ގްރީން ގްލޯބް" އެވޯޑް ލިބިއްޖެ އެވެ.

ގްރީން ގްލޯބް އެވޯޑަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަންކަން ބައްޓަންކޮށް ތިމާވެށި ރައްކާތެރި ކުރުމަށް ހާއްސަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.

ޖުމެއިރާ ވިއްޓަވެލި ރިސޯޓަށް އެވޯޑް ލިބިފައިވާ އިރު އެ ރިސޯޓުން އަންނަނީ ތިމާވެށި ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މުޅި ރިސޯޓުގެ ލައިޓްތައް ކަރަންޓުގެ ހަރަދު ކުޑަ ލެޑް ލައިޓަށް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ އިތުރުން ކުންފުނިތަކުން ފުޅީގައި ބަންދުކުރާ ފެން ރިސޯޓަށް ގެނައުމުގެ ބަދަލުގައި ފެން ޕްލާންޓެއް ގާއިމްކޮށް، ލޮނުފެނުން ސާފު ބޯފެން އަންނަނީ އުފައްދަމުންނެވެ.

އޭގެ އިތުރުން ސަޕްލައިކޮށްދޭ ފެން ހޫނު ކުރުމަށް ރިސޯޓަށް ކަރަންޓު ފޯރުކޮށްދޭ ޖަނަރޭޓަރުތަކުން ރީކަވަރީ ސިސްޓަމެއް ވަނީ ގާއިމްކޮށްފަ އެވެ. އޭގެ ސަބަބުން ފެން ހޫނުކުރުމަށް އިތުރު ހަރަދެއްވެސް ނުދެ އެވެ.

އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ގްރަހަމް ކީ ވިދާޅުވީ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި ހިންގަމުން އަންނަ ރިސޯޓަކަށް އެ އެވޯޑް ލިބުމަކީ ޖުމެއިރާ ރިސޯޓުން ފަހުރުވެރިވާ ކަމެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތާގައިވެސް ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ކަންކަން ބައްޓަން ކޮށްގެން ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.