23 May 2015, 13:50
ލ. އަތޮޅުގެ އެކި ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 64 ބިދޭސީއަކު ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑު އެމިގުރޭޝަނާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރޭ ދަންވަރު 12:00 އާ ހަމައަށް 64 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އެ އެންމެންނަކީ ވެސް ބަނގުލަދޭޝްގެ ރައްޔިތުން ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ފެށި އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ލ.ގަމާއި ފޮނަދޫ އާއި މާމެންދޫ އާއި މާވަށުގެ އިތުރުން އިސްދޫގައި ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަންގައި ޖުމްލަ 177 ބިދޭސީއަކު ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝާކިރު ވިދާޅުވީ ލ.އަތޮޅުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅުމަށް ފުރުސަތު ނުދެއްވާނެކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނާއި ގަވާޢިދާ ޚިލާފަށް ބިދޭސީން ކަނޑު މަގުން ލ.އަތޮޅަށް ގެންދާ އުޅަނދުތަކުގެ ކެޕްޓަނުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ބިދޭސީން އެއްތަނުން އަނެއްތަނަށް ގެންދާ ފެރީތަކުގެ ކެޕްޓަނުންނާ މެދުވެސް ފިޔަވަޅުއަޅާނެ ކަމަށާއި ގަވާއިދާ ޚިލާފަށް ލ.އަތޮޅުގައި ބިދޭސީން ގެންގުޅުމުގެ ކަންތައް ހުއްޓުމަކަށް ގެންނާނެ ކަމަށް ވެސް ޝާކިރު ވިދާޅުވި އެވެ.
ފުލުހުން ބުނީ މިދިޔަ އަހަރު ވެސް ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ ޖުމުލަ 216 ބިދޭސީއަކު އަތުލައިގަންފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނެފައި ވަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ގަވާއިދާ ޚިލާފަށް އުޅެމުންދާ 1953 ބިދޭސީއަކު އެ މީހެއްގެ އަމިއްލަ ގައުމަށް ފުރުވާލާފައިވާ ކަމަށެވެ.