23 May 2015, 12:07
ސްކޫލުތަކާއި ހޮސްޕިޓަލުތައް އަދި އާންމުންނާ އެކު ދަތުރުކުރާ އިރު މޫނު ބުރުގާ އެޅުން މަނާކޮށް ނެދަލޭންޑްސް ސަރުކާރުން ގާނޫނެއް ފާސްކޮށްފި އެވެ.
ނެދަލޭންޑްސްގެ ޕްރައިމް މިނިސްޓަރު މާކް ރޫޓް ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބައެއް ހާލަތްތަކުގައި ސަލާމަތީ ސަބަބުތަކަށް ޓަކައި އެމީހަކީ ކާކުކަން އެނގެން ޖެހޭ ކަމަށާއި މޫނުބުރުގާ އަޅައިގެން ބައެއް ތަންތަނަށް ޒިޔާރަތްކުރުން މަނާ ކުރީ އެންހެންވެ ކަމަށެވެ.
"އަޅުގަނޑުމެން ބެލީ އެމީހަކު ބޭނުން ހެދުމެއް އެޅުމަށް މިނިވަންކަން ދިނުމެކޭ އެއްވަރަށް އެމީހަކީ ކާކުކަން އެނގުމުގެ މުހިންމު ކަމަށް،" ޕްރައިމް މިނިސްޓަރު މާކް ރޫޓް ވިދާޅުވި އެވެ.
ރޫޓުގެ ސަރުކާރުން މީގެ ކުރިން ވެސް 2012 ވަނަ އަހަރު ވެސް ވަނީ މޫނު ބުރުގާ އެޅުމާ ދެކޮޅަށް ބިލެއް ހުށަހަޅައިފަ އެވެ. އެހެންނަމަވެސް އެފަހަރު ބިލް ފާސްކޮށްފައި ނުވަނީ އޭރު ބިލް ހުށަހެޅީ އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ކަމަށް ބުނެ އެވެ. ނަމަވެސް މިފަހަރު ބިލް ހުށަހެޅި ނެދަލޭންޑްގެ އިންޓީރިއާ މިނިސްޓަރު ރޮނާލްޑް ޕްލަސްކާޓްގެ އެއްވެސް ދީނީ ބެކްރައުންޑެއް ނެތް ކަމަށް ރޫޓު ވިދާޅުވި އެވެ.
ނެދަލޭންޑްގެ ސަރުކާރުން ބުނެފައި ވަނީ "އާންމުކޮށް ހުރިހާތަނަކަށް ދާއިރު މޫނުބުރުގާ މަނާކުރުން ކޮންމެހެން ބޭނުމެއް ނޫން" ކަމަށާއި ހާއްސަ ވަކިތަންތަނުގައި މަނާ ކުރީ އެހެންވެ ކަމަށެވެ.
އަލަށް ފާސްކުރި ގާނޫނު ބުނާ ގޮތުން މަނާކުރެވިފައިވާ ސަރަހައްދުތަކުގައި މޫނު ބުރުގާ އަޅައިގެން އުޅޭ ފަރާތްތައް 450 ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައިވެ އެވެ. ނެދަލޭންޑުގައި 100 އާއި 500 ދެމެދުގެ އަންހެނުން މޫނު ބުރުގާ އަޅާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ނެދަލޭންޑުގެ އިތުރުން ފްރާންސް އާއި ބެލްޖިއަމްގައި ވެސް ވަނީ މޫނުބުރުގާ އަޅައިގެން އާންމުތަންތަނަށް ނުކުތުން މަނާކޮށްފަ އެވެ.
މައުލޫމާތު: އަލްޖަޒީރާ