ވިއްސާރަވެހި މާލޭގައި ފެންބޮޑުވާ ސަރަހައްދުތަކުން ފެން ހިއްކުމަށް ހިންގާ މަޝްރޫއުގެ ދެ ވަނަ ފޭހުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއި ހައުސިން މިނިސްޓްރީ ގުޅިގެން ހިންގަމުން އަންނަ "ސްޓޯމް ވޯޓާ" ޕްރޮޖެކްޓުގެ ދެވަނަ ފޭހުގެ މަސައްކަތް ނިމޭ އިރު މާލޭގެ ފަސް ސަރަހައްދެއްގައި ހޮޅި ނުވަތަ ގްރެވިޓީ ލައިން އަޅައި ނިމޭނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން މިއަދު ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން އައިޖީއެމްއެޗު ހުންނަ ކަނބާއައިޝާރަނި ހިނގުމުގައި ހޮޅި ވަޅުލުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.

އެ ޕްރޮޖެކްޓްގެ ފޭސް އެކެއްގެ މަސައްކަތް ނިންމުމަށް ފަހު، މި މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފަ އެވެ. އަދި ފޭސް އެކެއްގެ އޮޕަރޭޝަން އަދި މެއިންޓަނަންސްގެ މަސައްކަތް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އެއްބަސްވެފަ އެވެ.

ފޭސް އެކެއްގެ ދަށުން ފެންބޮޑުވާ އެކި ސަރަހައްދުތަކުގައި ޖަންކްޝަންތަކެއް ވަނީ ބަހައްޓައިފަ އެވެ.

އެ މަޝްރޫއުގެ ފޭސް އެކެއް އަދި ފޭސް ދޭއްގެ މަސައްކަތް ނިމޭ އިރު ގަދަ ވިއްސާރައިގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.