ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް ހުޅަހަޅާ ފޯމުތަކުގައި އިނގިލީގެ ނިޝާން ޖެހުމަށް މުއްދަތެއް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ ގާނޫނުގައިވާ ގޮތުން ޕާޓީތަކުގެ މެންބަރު ކަމަށް އެދި ފޯމު ހުށަހަޅާ އިރު އެފަރާތެއްގެ އިނގިލީގެ ނިޝާން ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ އިރު އިނގިލީގެ ނިޝާން ނުޖަހާ ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕާޓީތަކަށް އިނގިލީގެ ނިޝާން ޖެހުމަށް މުއްދަތެއް ދިނުމަށް މިހާރު ކޮމިޝަނުގެ މެދުގައި މަޝްވަރާކުރަމުންދާ ކަމަށް އަކުރަމް ވިދާޅުވި އެވެ.

"މިހާރު މަޝްވަރާކުރަމުން މިދަނީ ކޮމިޝަނުގެ މެންބަރުންގެ މެދުގައި، ކިހާ މުއްދަތެއްތޯ ދޭނީ،" އަކްރަމް ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް އަމަލުކުރަން ފެށި ފަހުން މެންބަރުކަށް ވުމަށް އެދި ފޯމުހުށަހަޅާ ޕާޓީތަކުގެ ތެރެއިން ހުރިހާ ފޯމެއްގައި ފިންގާ ޕްރިންޓް ޖަހާފައި ހުށަހެޅީ ހަމަ އެކަނި ޕީޕީއެމުން ކަމަށެވެ. އޭގެ އިތުރުން އެމްޑީއޭ އިން ހުށަހަޅާފައިވާ ބައެއް ފޯމުތަކުގައި ފިންގާ ޕްރިންޓް ޖަހާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހް އެނގެން އޮންނަން ޖެހެ އެވެ.

ސިޔާސީ ޕާޓީތަކުގެ އާ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ 2013 ވަނަ އަހަރު އެވެ.