ކ. ތުލުސްދޫން: ހުސައިން ހަސަން

ރަޔަޓް ގިޔަރުގައި ތިބި ފުލުހުން ވަނީ މިރަށުގައި ހުރި ކ. އަތޮޅު ކައުންސިލްގެ އިދާ މިއަދު ހެނދުނު 06:45 އެހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ކައުންސިލް އިދާރާގެ ދޮރު ކުރި މަތީގައި އެތުރިގެން ހަތް ވަރަކަށް ފުލުހުން އެބަ ތިއްބެ އެވެ.

އޮފީހުގެ ދޮރު ބަންދުކޮށްގެން ތިބި ފުލުހުންގެ ތެރެއިން އިސް އޮފިޝަލަކު ވިދާޅުވީ އެ ބޭފުޅުންގެ ބެލުމުގެ ދަށަށް ކައުންސިލް އިދާރާ ގެނައީ ތުލުސްދޫ ކޯޓުން އިއްޔެ ކޮށްފައިވާ އަމުރާ އެއްގޮތަށް އަތޮޅު ކައުންސިލުން އަމަލްކޮށްފައި ނުވާތީ ކަމަށެވެ. އަދި ކައުންސިލަރުން ކައުންސިލަށް ވަދެފައި ވަނީ ކައުންސިލް އިދާރާގެ ތަޅުތައް "ފުޑާލައިގެން" ކަމަށެވެ.

"ކޯޓް އަމުރުގައި ވަނީ ކައުންސިލް އިދާރާގެ ތަޅުދަނޑި ފުލުހުންގެ އަތުގައި އޮތް ނަމަ ކައުންސިލަރުން ހަވާލު ކުރުމަށް. ނަމަވެސް އަޅުގަނޑެމެންގެ އަތުގައި ތަޅުގަނޑިއެއް ނެތް. ތަޅުދަނޑި އޮތީ ފައިނޭސް މިނިސްޓްރީގައި. ކޯޓުން އަމުރު ކުރިޔަސް އޮންނަ އުސޫލާ ހިލާފަށް ތަޅު ފުޑާލައިގެން އޮފީހަށް ވަދެގެން ނުވާނެ."
ފުލުހުންގެ އޮފިޝަލް ވިދާޅުވީ އަތޮޅު ކައުންސިލްގެ އިދާރާ ކައުންސިލަރުންނާ ހަވާލު ކުރާނީ ހޯމް މިނިސްޓްރީން ނުވަތަ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޭފުޅެއް އެ ރަށަށް އައިސް، އަތޮޅު އިދާރާ ކައުންސިލަރުންނާ ހަވާލު ކުރި ކަމުގެ ލިޔުމެއް ލިބުމުން ކަމަށެވެ.

ފުލުހުންގެ ބާރުގެ ދަށަށް ކައުންސިލްގެ އިދާރާ ގެނެސްފައިވާ އިރު، ތުލުސްދޫގެ ރައްޔިތުން އަދި ތިބީ ހަމަހިމޭނުންނެވެ. އަދި އޮފީހަށް ކައުންސިލަރުންނާއި އިދާރީ މުވައްޒަފުންނަށް ނުވަދެވި، ބޭރުގައި މަޑު ކުރަން މަޖުބޫރު ކުރާނަމަ އިއްޔެ ފުލުހުންނާ ދިމާވި ގޮތް އިޔާދަވެދާނެ ކަމަށެވެ.