13 Apr 2010, 11:47
14:30
ނ. މާފަރު ކައިރީގައި އޮންނަ ފިނޮޅަކުން ވެލިނެގުމުގެ ފުރުސަތު އެރަށުގެ ރައްޔިތުންނަށް އެކަނި ދީފައި އޮއްވައި، މުޅި އަތޮޅަށް އެފުސަރުތު ހުޅުވާލުމުން މާފަރު ރައްޔިތުންގެ ބަޔަކު ނިކުމެ ރަށު އޮފީސް ދޮށުގައި މުޒާހިރާކުރަމުން އެބަދެ އެވެ.
މާފަރުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނުއްސުރެ ގިނަ ބަޔަކު ރަށު އޮފީސް ދޮށަށް ނިކުމެ މުޒާހަރާކުރަމުން ދަނީ އެރަށު ތުނޑިއާ ގުޅިފައިވާ ފިނޮޅަކުން ވެލި ނެގުން ހަމައެކަނި އެރަށުގެ ރައްޔިތުންނަށް ހުޅުވާލާފައި ވަނިކޮށް، މުޅި އަތޮޅަށް މިހާރު ހުޅުވާލާފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި ބޮޑެތި ކަންނެލި ދޯނިފަހަރު އައިސް އެ ފިނޮޅަށް ގާތްކުރުމަށްފަހު ހާހެއްހާ ބަސްތާ ވެލި ހިފައިގެންދާ ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ތުނޑީ ސަރަހައްދު އިތުރަށް ގިރަމުންދާ ކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިންދިނެވެ. އޭނާ އަދި ބުނީ ރަށު ރައްޔިތުން ރަށު އޮފީސް ސަރަހައްދު ދޫކޮށް ދާނީ މިހާރު މުޅި އަތޮޅަށް ހުޅުވާލާފައިވާ ފުރުސަތު ހަނިކޮށް، އެރަށުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް އެ ކަންތައް ކުރުމުން ކަމަށެވެ. އަދި މިއަދު ހަވީރު ހަތަރަކާ ހަމައަށް އެމީހުން އިންތިޒާރުކުރާނެ ކަމަށާއި އެއަށްފަހު އެކަމަށް ހައްލެއް ނާތުވެއްޖެނަމަ ރަށު އޮފީސް ބަންދުކުރިއަ ނުދީ ހިފަހައްޓާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން މާފަރު ކައުންސިލަރ އިބްރާހިމް އަބޫބަކުރު މިއަދު ވިދާޅުވީ މިކަމަކީ ރަށްރަށުގެ ފަޅުން ވެލިނގަމުންދިއުމާ ގުޅިގެން އެ ރަށްރަށަށް ގެއްލުންވަމުންދާތީ ވަކި ފަޅަތަކަކުން ވެލި ނަގާގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެން ހަމަޖެހިގެން ދިޔަ ކަމެއް ކަމަށެވެ. އެގޮތުން ހަމަޖެއްސި ފަޅުތަކުގެ ތެރޭގައި މާފަރު ފަޅުވެސް ހިމެނޭ ކަމަށާއި ނަމަވެސް ރައްޔިތުންގެ އެކަމާ ކަންބޮޑުވުމާ ގުޅިގެން އެކަންތައް ވަގުތީ ގޮތުން ހުއްޓާލުމަށް އަތޮޅު އޮފީހުން އަންގާފައިވާ ކަމަށްވެސް އަބޫބަކުރު ވިދާޅުވި އެވެ.