23 May 2015, 11:21
އައްޑޫ ސިޓީގައި ފުޓްބޯޅައިގެ ހަރަކާތްތައް ހިންގުމަށް އެފްއޭއެމްގެ އޮފީހެއް ހުޅުވައިފިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައި ގާއިމްކޮފައިވާ އެ އޮފީސް ހުޅުއްވައި ދެއްވީ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދެވެ.
އިއްޔެ ހަވީރު އެއޮފިސް ހުޅުވައި ދެއްވުމަށްފަހު، ވާހަކަ ދައްކަވަމުން ޝަވީދު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އައްޑޫގައި ފުޓުބޯޅައިގެ އެކިޕްރޮގްރާމްތައް އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން މުބާރާތްތައް އިންތިޒާމު ކުރުމާއި ސްކޫލް ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ފުޓުބޯޅައިގެ އެކި ޕްރޮގްރަމްތައް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ އެފްއޭއެމްގެ އޮފީހެއް އައްޑޫގައި ހުޅުވިގެންދިޔައީ ކުރިން އެ ސިޓީގައި ހިންގި ވައިޑީޕީ ޕްރޮގްރާމްތައް ހުއްޓި އެފްއޭއެމްގެ ޕްރޮގުރާމްތައް ވަޅުޖެހިފައި ވަނިކޮށް ކަމަށެވެ.
އެހެންކަމުން އާ އޮފީހާއެކު ފުޓްބޯޅައިގެ އެކި ހަރަކާތްތައް ހިންގަން ފެށުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ސޯބެ ވިދަޅުވިއެވެ.
އެފްއޭއެމް އައްޑޫ އޮފީސް ހިންގަން ހަވާލުކޮށްފައިވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ޝަރީފް (ޑުންގާ)އާ އެވެ.