ރާއްޖެއަށް ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީ ހާސިލުކުރެވޭނީ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް، އެތަކެތީގެ ބޭނުން އެކަށީގެންވާ ގޮތުގައި އަދި ދެމެހެއްޓެނެވި ގޮތެއްގައި ބޭނުންކޮށްގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ދިރޭތަކެތީގެ ނަސްލުތަކުގެ ދުވަހު މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ސާސްކަފުގެ ލަނޑުދަނޑިތަކަށް ފަހު ދުނިޔޭގެ ފެންވަރުގައި އެކުލަވާލެވޭ ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ވެސް ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމާއި އެތަކެތިން ފޯރޮކޮށްދޭ ޚިދުމަތްތައް ވަނީ ފުޅާ ދާއިރާއެއްގައި ހިމެނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ވެސް ތަރައްގީއާއި ތަމައްދުނު ގުޅި ލާމެހިފައި ވަނީ ދިރޭތަކެތީގެ ނަސްލުތަކަށްދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ކަމަށެވެ.

"ރާއްޖޭގެ އިގްތިޞާދާއި ދިރިއުޅުމުގެ ވައްޓަފާޅި މުޅިންހެން ބިނާވެފައި ވަނީ ރާއްޖޭގެ ގުދުރަތީ ނަސްލުތަކާ އެވެ. އަޅުގަނޑުމެންގެ ކަނޑު ފަޅުން ލިބޭ ރޯއްޖަކީ ޒަމާނުންސުރެން ދިވެހިންގެ ކެއިން ބުއިމުގެ މުހިއްމު ބައެކެވެ. އަދި ތާރީހީ ގޮތުން އަޅުގަނޑުމެންގެ އިގްތިޞާދުގެ މައި ލޭނާރެވެ. އަޅުގަނޑުމެންގެ ފަރުތަކުގެ ރީތިކަމާއި އެފަރުތަކުގައިވާ އެކި އެކި ދިރުންތަކަކީ އެސިނާއަތެއްގެ މައްޗަށް ދިވެހި އިގްތިޞާދު ބަރޯސާވެފައިވާ ފަތުރުވެރިކަން ދަމަހައްޓާ މައި ތަނބެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ވަޒީފާގެ 71 ޕަސެންޓް ގައުމީ އުފެއްދުންތެރިކަމުގެ 89 ޕަސެންޓާއި ރާއްޖެ އިން އެކްސްޕޯޓުކުރާ މުދަލުގެ 98 ޕަސެންޓަކީ ސީދާ ގޮތުން އަޅުގަނޑުމެންގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުޅިފައިވާ ކަންކަމެވެ." ހިތާބުގައި ތާރިގު ވިދާޅުވި އެވެ.

ހިތާބުގައި މިނިސްޓަރު ތާރިގު ވިދާޅުވީ ރާއްޖޭގެ ދިރޭތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ އަދި އެތަކީގެ މާޙައުލަށް ކުރާ ކޮންމެ ނޭދެވޭ އަސަރަކީ ހަމައެކަނި ތިމާވެއްޓަށް ލިބޭނޭ ގެއްލުމެއް ނޫން ކަމަށާއި އެއީ ޖުމްލަ ގޮތެއްގައި މުޅި ދިވެހި އިގްތިޞާދަށާއި ދިވެހިންގެ ޒަމާންވީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ލިބޭނޭ ގެއްލުމެއް ކަމަށެވެ. ތާރިގު ވިދާޅުވީ އެ ގެއްލުމަކީ ދިވެހިން ބޭނުންވާ ތަރައްގީއަށް އެޅޭނޭ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

"ސަރުކާރުން ދަނީ މިކަމާއި ގުޅިގެން ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ މާޙައުލުގައި ދިރިއުޅޭ 14 ބާވަތެއްގެ ކަނޑުގެ ދިރުމާއި، 103 ވައްތަރުގެ ދޫނީގެ ބާވަތް ވަނީ ޤާނޫނީ އޮނިގަނޑުގެ ދަށުން ޙިމާޔަތްކޮށްފަ އެވެ. އަދި ރާއްޖޭގެ 42 ސަރަޙައްދެއްވަނީ ޙިމާޔަތްކޮށްފަ އެވެ. ނަމަވެސް، ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް، ދެމެހެއްޓެނެވި ގޮތުގައި އެތަކެތި ބޭނުންކުރުމަށް އަދިވެސް ނުހަނު ގިނަގުނަ މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފަ އެވެ. މިގޮތުން ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުޢާހަދާ "ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ"ގެ ދަށުން މިގެންދަނީ ދިރޭތަކެތީގެ ނަސްލުތަކާއި ގުޅޭ ސިޔާތަކާއި އަމަލީ މަސައްކަތުގެ ޕްލޭން އެކުލަވާލަމުންނެވެ." ތާރިގު ވިދާޅުވި އެވެ.

ހިތާބުގައި މިނިސްޓަރު ވަނީ ކޮންމެ ރައްޔިތަކުމެ އެފަދަ ކަންކަމާ މެދު ފުންކޮށް ވިސްނައި އަމިއްލަ އަށް، ފަރުދީ ފެންވަރުގައި އިސްނަގައި ދިރޭތަކެތީގެ ނަސްލުތަކާއި އޭގެ މާޙައުލު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ބައިނަލްއަގްވާމީ ދިރޭތަކެތީގެ ނަސްލުތަކުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ދެމެހެއްޓެނެވި ތަރައްގީއަށް ދިރޭތަކެތީގެ ނަސްލުތައް" މި އެވެ.