23 May 2015, 11:10
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަށް ބޭނުންވާ ތަހުލީލުތައް ހެދުމުގެ ގޮތުން ކަނޑުގައި ބޯހޯލް ތޮރޮފަން މިއަދު ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ މިއަދު ކަނޑުގައި ބޯހޯލް ތޮރުފަން ފަށައިފައިވާ ކަމަށާއި އަދި ބޯހޯލް ތޮރުފަމުންދާ ކަނޑުގެ ސަރަހައްދުން ބޮޑެތި އުޅަނދު ފަހަރަށް އަންނަ މަހުގެ 15ގެ ނިޔަލަށް ދަތުރު ނުކުރުވޭނެ ކަމަށެވެ.
Borehole work started today on the sea. Channel blocked for large ships until arnd 15thJun.#AmaazYageen@HousingGovMvpic.twitter.com/PuakMIqddM
— Dr.Mohamed Muizzu (@MMuizzu)May 23, 2015
މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަށް ބޭނުންވާ ތަހުލީލުތައް ހެދުމުގެ ގޮތުން ބޯހޯލް ތޮރުފުމުގެ މަސައްކަތް އިފްތިތާހްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ބޯހޯލް ތޮރުފަން ފެށުމުގެ ކުރިން ސުނާމީ ބިނާ ސަރަހައްދުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަޝްރޫގެ ދަށުން އެއްގަމާއި ކަނޑު ހިމެނޭ ގޮތަށް ޖުމުލަ 29 ތަނަކުން ބޯހޯލް ތޮރުފުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ތަފްސީލީ ޑިޒައިން ހުށަހަޅައި ޓެންޑަރިން މަސައްކަތް ޗައިނާގައި ފެށިގެން ދާނެ ކަމަށާއި އަދި މި އަހަރުގެ ފަހުކޮޅު ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހަމަ އެރޭ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ބްރިޖަށް ބޭނުންވާ މުހިންމު ސާވޭތަކެއް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މިއަދު ފަށާފައިވާ ބޯހޯލް ތޮރުފައި ނިމުމުން ފައުންޑޭޝަން އެޅުމަށް ބޭނުންވާ ކަންކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދޭތެރޭ ބްރިޖެއް އަޅައި ހުޅުމާލެއާ ގުޅުވާލުމަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ބޮޑު ވައުދެކެވެ.