އަންނަ ހަފުތާގައި އިނގިރޭސި ޕްރިމިއާ ލީގްގެ ކްލަބް ޓޮޓެންހަމް ހޮޓްސްޕަރއާ ދެކޮޅަށް މެލޭޝިއާއިން ނިކުންނަ ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތެއް ދިނުމަށް މަސައްކަތް ކުރާނެކަމަށް މެލޭޝިއާގެ ކޯޗު ދޮލާހް ސެލާހް ބުނެފިއެވެ.

މެލޭޝިއާގެ ދުވަހު ނޫސް 'ސިނާ ހަރިއާން' (ޑެއިލީ ލައިޓް) ދެއްވި އިންޓަވިއުގައި ދޮލާހް ބުނެފައިވަނީ، ގިނަ ކުޅުންތެރިންނަށް އޭނާގެ ޓީމްގައި ބައިވެރިވުމަށް ގޮވާލުމުން ދެބައިކުޅަ އެއްބައި ކުޅުންތެރިނަށްވެސް ބައިވެރި ނުވެވުނު ކަމަށާއި އެހެންކަމުން ޓީމްގައި ހިމެނުނު ކުޅުންތެރިންނަށް މިފަދަ މެޗެއް ގައި ކުޅުމުގެ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން ހަމަހަމަ ފުރުސަތެއް ދޭން ބޭނުންވާކަމަށެވެ.

ދޮލާހް ޓީމްގައި ބައިވެރި ނުވެވުނު ކުޅުންތެރިންނަކީ އޭއެފްސީ ކަޕްގައި ކުޅެން ޖެހޭ މެޗްތަކުގައި ކުޅެންޖެހޭތީ ޖޭޑީޓީ އާއި ޕާހަންގްގެ ކުޅުންތެރިންނަށެވެ.

މެޗްގައި ވަކި ޚާއްސަ ކުޅުންތެރިޔަކު ލައްވައި ކުޅުވަން ބޭނުންވޭތޯ ސުވާލު ކުރުމުން ދޮލާހް ބުނީ އަދި ކުޅޭނީ ކޮން ކުޅުންތެރިންނެއް ކަމެއް ނުނިންމާ ކަމަށެވެ.

މިދިޔަ ސީޒަންގައި ޕީޑީއާރްއެމްއަށް ކޯޗްކޮށްދިން ދޮލާހް ބުނީ ޕީޑިއާރްއެމްއަށް ކުޅޭ ރާއްޖޭގެ ކެޕްޓަން ޢަލީ އަޝްފާޤު (ދަގަނޑޭ) އާއި ޑީ ޕައުލާ އަދި ޕައުލޯ ރޭންޖަލްއަކީ އެންމެ ރަނގަޅު ތިން ސްޓައިކަރުން ކަމަށާއި އެތިން ކުޅުންތެރިންނަށް އެއްފަހަރާ ފުރުސަތުވެސް ދެވިދާނެ ކަމަށެވެ. އަދި ބިދޭސީ ފަސް ކުޅުންތެރިންނަށްވެސް އެއްފަހަރާ ފުރުސަތު ދެވިދާނެ ކަމަށެވެ.

"އެ ތިން ސްޓައިކަރުންނަށް އެއްފަހާރާ ފުރުސަތު ދެވިދާނެ ނުވަތަ ބިދޭސީ ފަސް ކުޅުންތެރިންނަށްވެސް އެއްފަހަރާ ފުރުސަތު ދެވިދާނެ. އެކަމަކު އެއީއެއް ނޫން އަހަރެންގެ ޕޮއިންޓަކީ. އެކުޅުންތެރިން ޕްރެކްޓިސްގައި ފޯކަސް ކުރާކަންތައް މެޗްގައިވެސް ކުރުން،" ދޮލާހް ބުންޏެވެ.

މިމަހު 27 ވަނަ ދުވަހު ކުޅުމަށް ހަމޖެހިފައިވާ މެޗަށް މެލޭޝިއާގެ ޓީމްގައި ދޮލާހް ހިމެނީ މެލޭޝިއާގެ 19 ކުޅުންތެރިންނާ އެޤައުމުގައި ކުޅޭ ޤައުމުން ބޭރު ފަސް ކުޅުންތެރިންނެވެ.

އެ މެޗްގައި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދެނީ، އެމެޗަކީ އެކުވެރިކަމުގެ މެޗަކަށް ވުމުންނެވެ.

މިމެޗް ފަށާނީ 27 ވަނަ ދުވަހުގެ ރޭ މެލޭޝިއާގެ ގަޑިން ރޭގަނޑު 8:45 ގައެވެ.

ރާއްޖޭ ގަޑިން އެދުވަހު ހަވީރު 5:45 ގައެވެ.