23 May 2015, 10:37
ސްރީލަންކާގެ ސިޓީއެއް ކަމަށްވާ ޖަފްނާގައި މުޒާހަރާއެއްގެ ތެރޭގައި ހަމަނުޖެހުން އުފެއްދުމާ ގުޅިގެން އެ ސިޓީގައި މުޒަހާރާކުރުން މަނާކުރިކަން އަންގައި ކޯޓު އަމުރެއް ނެރެފި އެވެ.
ޖަފްނާގައި މީހުން މުޒާހަރާކޮށް އަޑުއުފުލާފައި ވަނީ އެ ސިޓީގެ އަވަށެއް ކަމުގައިވާ ޕަންގުޑިޓުވޭގައި 18 އަހަރުގެ އަންހެންކުއްޖަކު ރޭޕުކޮށް މަރާލުމާ ގުޅިގެން ކޯޓަށް ހުށަހެޅި މަައްސަލަ ބެލުން ލަސްވަމުންދާތީ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ގާނޫނާއި ގަވާއިދާ ޚިލާފަށް މުޒާހަރާކޮށް، ޖަފްނާގެ ކޯޓަށް ގާއުކި ކަމުގެ ތުހުމަތު 130 މީހެއްގެ މައްޗަށް ކުރެވޭ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން މިހާތަނަށް 127 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ އިރު ޖަފްނާގެ ކޯޓު ކައިރިއަށް އެއްވެ މުޒާހަރާކުރަން ތިބި މީހުން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ.
މުޒާހަރާގައި ފުލުހުންނާއި އާންމުންގެ މެދުގައި ހިނގައި ދިޔަ ހަމަނުޖެހުމުގައި ހަތަރު ފުލުހަކަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް ޖަފްނާގެ ފުލުހުން ވަނީ ބުނެފަ އެވެ.
ޖަފްނާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވިދާޅުވީ، މިހާރު ޖަފްނާގައި ހިނގާ ހަމަނުޖެހުންތަަކަކީ ރާވައިގެން ހިންގާ ކަންތައްތަކެއްކަން ޔަގީން ކުރެވޭ ކަމަށާއި އެކަންކަމަށް ފުލުހުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"ގާނޫނުގެ ކުރިމަތީގައި އެންމެންވެސް ވާނީ ހަމަހަމަ. އުތުރުން ވިޔަސް ދެކުނުން ވިޔަސް. ކޯޓުއަމުރަށާއި ގާނޫނުތަކަށް އެންމެންވެސް ތަބާވާން ޖެހޭ. މިހާރުގެ ހާލަތު ބަދަލުކުރަން އެބަޖެހޭ،" ރާޖަޕަކްސަ ވިދާޅުވި އެވެ.
ޕަންކުޑިވޫގައި ސުކޫލަށް ދަނިކޮށް ރޭޕުކޮށް 18 އަހަރުގެ އަންހެންކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ.