އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިިލަރީ ކްލިންޓަންގެ ޕްރައިވެޓް އީމެއިލްތަކުގެ ތެރެއިން ފުރަތަމަ ބެޗު އާންމުންނަށް ހާމަކޮށްފި އެވެ.

މަގާމުގައި ހުންނެވި އިރު އެކަމަނާ ޕްރައިވެޓް މެއިލްއެއް ބޭނުން ކުރެއްވުމާ ގުޅިގެން އާންމުން ފާޑު ކިޔަން ފެށުމުން، ކްލިންޓަން ވަނީ ސްޓޭޓް ޑިޕާޓްމެންޓްގައި އެތަކެތި އާންމު ކުރެެއްވުމަށް އެދިވަޑައިގެންފަ އެވެ.

ސީއެންއެން އިން ބުނާ ގޮތުގައި ސްޓޭޓް ޑިޕާޓްމެންޓުން މިއަދު އާންމު ކޮށްފައިވަނީ 300 މެއިލް ކަމަށާއި އޭގެތެރޭގައި ގާތްގަނޑަކަށް 850 ޞަފްހާ ހިމެނޭނެ ކަމަށެވެ. އެ އީމެއިލްތަކަކީ ހިލަރީ އެކަމަނާގެ ޕްރައިވެޓް އީމެއިލް އެކައުންޓުން ފޮނުއްވެވި 30،000 މެއިލްގެ ތެރެއިން ފުރަތަމަ ބެޗުގެ މެއިލްތައް ކަމަށް ސީއެންއެންގައިވެ އެވެ.

އެ މެއިލްތަކުގައި ޕޮލިސީ ބްރީފިން އިން ފެށިގެން މީޓިންތަކުގެ ޝެޑިއުލަށް ވެސް ރިކުއެސްޓް ކޮށްފައިވާ ކަމަށް ސީއެންއެން އިން ބުންޏެވެ. އޭގެ އިތުރުން މުވައްޒަފުންގެ ދެމެދުގައި ހުރި އެކުވެރި މުއާމަލާތްތައް ވެސް އެ މެއިލްތަކުގައި ހުރި ކަމަށް ސީއެންއެން އިން ވަނީ ބުނެފަ އެވެ.

ހިލަރީ ވިދާޅުވީ، އެ މެއިލްތައް އާންމުކުރުމުން އުފާ ކުރައްވާ ކަމަށެވެ. ނަމަވެސް ހުރިހާ މެއިލްތަކެއް އާންމު ކުރެވެންދެން އިންތިޒާރު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.