23 May 2015, 09:50
ސަރަޔޭވޯ (މޭ 23) : މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ ގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމަށް ތުރުކީން މަސައްކަތްކުރަމުން ގެންދާ ކަމަށް އެގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ. ބޮސްނިޔާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގައި އުރުދުޣާން ވިދާޅުވީ ޑރ. މުރުސީ ގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމާމެދު ހުޅަނގުގެ ގައުމުތައް ތިބެނީ ބީރުކަންފަތެއް ދީގެންކަމަށާ ނަމަވެސް އެ ހުކުމް ތަންފީޒުކުރުން ހުއްޓުވުމަށް ތުރުކީން ބައިނަލްއަގްވާމީ މަޙްފަލްތަކުގައި މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ގިނަ އަދަދެއްގެ ލީޑަރުންގެ މައްޗަށް ގާހިރާގެ ޖިނާއީ ކޯޓުން ދާދިފަހުން ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. މިއީ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމުގައި މިސްރުގެ ވާދީ ނަތްރޫންގެ ޖަލަށް މުރުސީ އާއި އިޚްވާން ޖަމާއަތުގެ އެތަށްބަޔަކު ލާފައި ތިބި ދުވަސްވަރު އެޖަލުން ފިލުމާއި މުރުސީގެ ވެރިކަމުގައި ފަލަސްތީނުގެ ޙަމާސް ޖަމާއަތަށް މިސްރުގެ ދައުލަތުގެ ސިއްރު މައުލޫމާތު ފޯރުކޮށްދިން ކަމަށްބުނެ މިސްރުގެ ސަރުކާރުން ކޮށްފައިވާ ތުހުމަތުތަކެއް ސާބިތުވާ ކަމަށްބުނެ ގާހިރާގެ ޖިނާއީ ކޯޓުން ކުރި ހުކުމެކެވެ. އޭގެކުރިން އެހެން މައްސަލައެއްގައި އުމުރަށް ޖަލަށްލުމުގެ ހުކުމްތަކެއް ވެސް މުރުސީއާއި އިޚްވާން ޖަމާއަތުގެ އިސްވެރިންގެ މައްޗަށް ކޮށްފައިވެ އެވެ. މަރުގެ މިހުކުމްތައް ތަންފީޒު ކުރުމާ މެދު ފެންނަގޮތެއް ހާމަކޮށްދެއްވުމަށް އެދި މިސްރުގެ ޝަރުއީ ދާއިރާ އިން ވަނީ އެގައުމުގެ މުފްތީ ގެ އޮފީހަށް މިމައްސަލަ ފޮނުވާފަ އެވެ. (ރޮއިޓާސް)