23 May 2015, 09:40
ރިޔާޒް (މޭ 23) : ސަޢޫދީ އަރަބިއާގެ އިރުމަތީ ސަރަހައްދުގެ އަލްގަދީޙް އަވަށުގައިވާ ޝިއައީ މިސްކިތަކަށް ޖާނުގޮއްވާލައިގެން މީހަކު ދިން ޓެރަރިސްޓް ޙަމަލާގެ ޒިންމާ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުން އުފުލައިފި އެވެ. އައިއެސް ޖަމާއަތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "އެޙަމަލާއަކީ އެންމެ ފުރިހަމަ ޖިހާދުގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލެއް" ކަމަށާ އެއަމަލު ހިންގާފައިވަނީ އެޖަމާއަތުގެ "މުޖާހިދަކު" އޭނާގެ ހަށިގަނޑުގައި ގޮވާތަކެތީގެ ބެލެޓެއް ހަރުކޮށްގެން އެ މިސްކިތަށް ހުކުރު ނަމާދަށް ގޮސްތިބި މީހުންނަށް އަމާޒުކޮށްގެން ކަމުގަ އެވެ. މިޖަރީމާގައި 22 މީހުން މަރުވެ 150 މީހުން ޒަޚަމްވިި އިރު މުޅި މިސްކިތްއޮތީ ލެއިންނާއި އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކުން ތަތްތެޅިފަ އެވެ. މިޙަމަލާދީފައި ވަނީ އައިއެސްއާ އެކު ހަނގުރާމަ ކުރުމަށް ފަހު އެނބުރި ސައޫދީ އަރަބިޔާ އަށް އައިސް އުޅޭ އެގައުމުގެ ހައްދު ފަހަނަޅާފައިވާ ޒުވާނުންތަކެއް ރާވައިގެންކަމަށް ބެލެވޭ ކަމަށާ މިކަން ތަހްގީގް ކުރާނެ ކަމަށް ސައޫދީ ދާޚިލީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެ އެވެ. އައިއެސްގެ ހަނގުރާމަވެރިން ސައޫދީ އަރަބިޔާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޝިޔައީ މުސްލިމުން މައިގަނޑ ގޮތެއްގައި ދިރިއުޅެނީ އެގައުމުގެ އިރުމަތީ ސަރަހައްދުގަ އެވެ. ޝިޔައީންނާ މެދު ތަފާތުކުރުންތައް ގެންގުޅުމާއި ޝިޔައީން ނިކަމެތިކޮށްލާފައިވާ ކަމުގެ ތުހުމަތު ސައޫދީ ސަރުކާރުގެ މައްޗަށް ޒަމާނުއްސުރެ ކުރެވިފައިވެ އެވެ. އެހެންކަމުން ހައްގުތައް ހޯދުމަށްޓަކައި ދޭތެރެދޭތެރެ އިން ޝިޔަޢީން މުޒާހަރާތައްކޮށް އަޑުއުފުލަމުން ގެންދެ އެވެ. އާއިލީ ވިރާޘީ ރަސްކަމެއްއޮންނަ ސައޫދީ އަރަބިޔާގައި މިއި މުޅިން މަނާކަންކަމެވެ. އައިއެސްގެ ޙަމަލާ އަމާޒުވި ސަޢޫދީ މިސްކިތް ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަންގެ ޝިޔައީ ހުޘީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާތައް ދެމުން ގެންދާއިރު ސައޫދީގެ އެތެރެ ގަޑުބަޑުކޮށް އެގައުމުގެ ހަމަޖެހުން ނަގާލުމަށްޓަކައި އައިއެސް އިން ސައޫދީ ޝިޔައީންނަށް ޙަމަލާތައްދޭން ރާވަމުން ގެންދާކަމުގެ ޚަބަރުތައް ފެތުރިފައިވެ އެވެ. އިރާގާއި ސޫރިޔާގައި އައިއެސްއާ އެކު ހަނގުރާމަކޮށް ބޮންގޮއްވުމާއި ޖާނުގޮއްވާލައިގެން މީހުން މެރުންފަދަ ޓެރަރިޒަމްގެ އަމަލުތައް ފުޅާދާއިރާއެއްގައި ހިންގުމުގެ ތަޖްރިބާތައް ލިބިފައިވާ ސައޫދީ ދެހާހެއްހާ މީހުން އެނބުރި ސައޫދީ އަށް އައިސްގެން އުޅޭ ކަމަށްވެ އެވެ. ސައޫދީ މުޖްތަމައުގެ ހަމަޖެހުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ މިބައިމީހުން ކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ބުނެ އެވެ. އައިއެސްއަށް ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދީ ސޫރިޔާގެ ތެޔޮ ވަގަށް ވިއްކުމުގައި އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ. އަދި އައިއެސްގެ ލޯގޯ ހިމަނައިގެން އުފައްދާފައިވާ އަނގޮޓިތަކެއް ދާދިފަހުން އިސްރާއީލުން ފެނިފައިވެ އެވެ. އައިއެސްއަކީ އިސްރާއީލަށް ވެސް އަދި އެމެރިކާއަށްވެސް ގޯނާ ކުރާ ޖަމާއަތެއްނޫނެވެ. އޭގެ ބަދަލުގައި އެޖަމާއަތުގެ އަމާޒަކީ އިސްލާމީ ގައުމުތަކާއި މުސްލިމުންނެވެ. (ނޫސްއެޖެންސީތައް)