28 Feb 2011, 13:46
3:12 ކ. އަތޮޅާއި ށ. އަތޮޅުގެ އަތޮޅު ކައުންސިލް އިދާރާ ހިންގާނެ ތަނެއް ކަނޑައަޅާނީ ޝަރީއަތުން ކަމަށް ހޯމް މިނިސްޓާ ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.
2:35 ކައުންސިލްތަކުގެ އިދާރާ ބަދަލުކުރުމުން ސަރުކާރާ ކައުންސިލްތަކާ ދެމެދު ޖެހިގެން އުޅޭ މައްސަލައާ ގުޅިގެން މާލެ އަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުންނާއި މިލަދުންމަޑުލު ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުތައް ބަންޑާރަ ނައިބު އޮފީހުން ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
1:42 ހޯމް މިނިސްޓްރީގެ ނުރުހުމުގައި އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުން އަތޮޅު ކައުންސިލުގެ މެންބަރުންނާ ހަވާލު ކުރުމުން ކައުންސިލް ރޫޅާލާނެ ކަމުގެ އިންޒާރު އަނެއްކާވެސް ހޯމް މިނިސްޓްރީން ދީފި ކަމަށް އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އަތޮޅު ކައުންސިލަރުން މަރާލާނެ ކަމުގެ އިންޒާރުވެސް ބަޔަކު މީހުން މިއަދު ދީފައިވާ ކަމަށެވެ.
http://sun.mv/albums/l_235.jpg
1:30 ތުލުސްދޫގައި ގައިމުވެ ތިބި ރަޔަޓް ގިޔަރު ފުލުހުންގެ ބައެއް ފައުޖުތައް ރަށް ދޫކޮށް ފައިބަމުން އެބަދެ އެވެ. ނަމަވެސް ރަށުގައި އުފެދިފައިވާ މައްސަލަތަކަށް އަދިވެސް ހައްލެއް ނާދެ އެވެ.
12:49 އަނެއްކާ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އިތުރު ބައްދަލުވުމަކަށް ތައްޔާރުވެއްޖެ އެވެ. އެ ބައްދަލުވުމުގައި ކައުންސިލަރުން ބައިވެރިއެއް ނުވެއެވެ. ފުލުހުން ކައުންސިލް އިދާރާ ދޫކޮށްލައި ބައްދަލުވުންތައް ކުރިޔަށްދިޔަ ނަމަވެސް ރަށުގެ މަސްލަހަތު އަދިވެސް ހަމައެއް ނުޖެހެ އެވެ.
http://sun.mv/albums/l_231.jpg
12:41 ހިއުމަން ރައިޓްސް ކޮމިޝަނާއެކު ކައުންސިލު މެންބަރުންނާއި ފުލުހުން ބޭއްވި ބައްދަލުވުން ދެންމެ ނިންމާލައިފި އެވެ. އެ ބައްދަލުވުމުގައި ނިމުނީ ކޮން ކަމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ތޮލާލު ވިދާޅުވީ ހޮނިހިރު ދުވަހުން ފެށިގެން ތުލުސްދޫގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައެއްގެ ހައްގުތައް ގެއްލޭ ގޮތަށް ކަންކަން މަގުފަހިވެފައިވާ ކަމަށެވެ.
12:08 ރައްޔިތުންގެ މުޒާހަރާތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައި ފުލުހުންނާއި ކައުންސިލް މެންބަރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ޓީމާއެކު މަޝްވަރާ ބައްދަލުވުމެއް މިވަގުތު ހިނގަމުން އެބަދެ އެވެ.
11:39 ރައްޔިތުންގެ މުޒާހަރާ ހޫނުވެ ހަމަނުޖެހުމަކާ ހިސާބަށް ދާން ކައިރިވެފައި ވަނިކޮށް "ރައްޔިތުންނަށް ފުރުސަތު ދެނީ" ކަމަށް ބުނެ ކައުންސިލުގެ އިދާރާ ފުލުހުން ދޫކޮށްލައިފި އެވެ. ފުލުހުން އެ އިދާރާ ދޫކޮށްލުމާއެކު ކައުންސިލަރުން މިހާރު ވަނީ އިދާރީ އޮފީސްތެރެއަށް ވަދެފަ އެވެ. ރައްޔިތުން އަދިވެސް ދަނީ ހުއްޓައި ނުލައި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން ރަށުން ފޭބުމަށް ގޮވަމުންނެވެ. ފުލުހުން ދެންމެ ބުނީ އެމީހުން އިދާރީ އޮފީސް ދޫކޮށްލި ނަމަވެސް ދޫކޮށްލުމަށް ހޯމް މިނިސްޓްރީން އަންގާފައި ނުވާ ކަމަށެވެ.
11:21 މުޒާހަރާ ކުރަމުންދާ ރައްޔިތުންގެ ނުރުހުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންނަށް އަމާޒުކޮށް، ފުލުހުންނާއެކު ތުލުސްދޫން ފައިބައިގެން ދިއުމަށް ރައްޔިތުން ހަރު އަޑުން ގޮވަމުން އެބަދެ އެވެ. އެމީހުން ބުނަނީ ތިން ދުވަސްވެ، އެތައް ބަޔަކަށް އަނިޔާވެފައިވާއިރު ހިއުމަން ރައިޓްސް އަށް ތުލުސްދޫގެ ރައްޔިތުންގެ އަޑު އެހިފައި ނުވާ ކަމަށާއި އެވަރުގެ ޒިންމާދާރު ނޫން ކޮމިޝަނެއްގެ މެންބަރުން ތުލުސްދޫގައި މަޑުކޮށްގެން ނުވާނެ ކަމަށެވެ.
ރައްޔިތުން މުޒާހަރާ ކުރަމުންދާއިރު ރަޔަޓް ގިޔަރު ފުލުހުންގެ 15 މީހުން ގެންދަނީ ކައުންސިލްގެ ރައީސް އަހުމަދު ސައީދާއެކު ބައްދަލުވުމެއް ބާއްވަމުންނެވެ. ފުލުހުން ކައުންސިލްގައި އެދެމުންދަނީ ރައްޔިތުން ކުރަމުންދާ މުޒަހާރާ ހުއްޓުވައި ފަހަތަށް ޖެއްސުމަށެވެ.
http://sun.mv/albums/l_234.jpg
11:21 މިދިއަ ހޮނިހިރު ދުވަހު ކައުންސިލަރުން ހުވާ ކުރީއްސުރެ ހަމަނުޖެހުން ހިނގައި ފުލުހުންނަށާއި އާންމުންގެ އެތައް ބަޔަކަށް އަނިޔާވެފައިވާއިރު ތިން ދުވަސް ފަހުން ހިއުމަން ރައިޓްސް ކޮމިޝަންގެ ފަސް މެންބަރުންގެ ވަފުދެއް ތުލުސްދޫއަށް އަރައިފި އެވެ. މީގެ 10 ވަރަކަށް މިނެތް ކުރިން އެޓީމް ތުލުސްދުއަށް ގޮސް ފުލުހުންގެ އަމަލުތަކާއި ހަރަކާތްތައް ބަލަމުން އެބަދެ އެވެ. އަދި ވަރަށް ގިނަ މީހުންނާ ސުވާލުކޮށް މައުލޫމާތު ސާފު ކުރަމުން އެބަދެ އެވެ. އަޑުގަދަ ކުރުމާއި މުޒާހަރާ ދަނީ ހޫނުވަމުންނެވެ.
11:17 ހަމަނުޖެހުންތަކާއި މުޒާހަރާތައް ހިނގަމުންދާއިރު އަތޮޅުގެ ބައެއް ރަށްރަށުން ބޯފެން ހުސްވެފައިވާތީ އެ ރަށްރަށަށް ބޯފެން ހޯދައި ދިނުމުގެ މަސައްކަތް ވެސް ކައުސިލް ހިންގަމުންދާ ފަޅު ގޭތެރޭގައި ހިނގަމުން އެބަދެ އެވެ. ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ގަދަ އަވީގައި ފުލުހުންނާ ގާތަށް ޖެހި ރުޅިވަރިކަމާއެކު ޝުއޫރު ފާޅު ކުރަމުން އެބަދެ އެވެ.
http://sun.mv/albums/l_230.jpg
11:02 ކައުންސިލަރުންނާއެކު ރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލް އިދާރާގެ ކުރިމައްޗަށް އެއްވެ ފުލުހުންނާ ދެކޮޅަށް އަޑުގަދަކުރަމުން އެބަދެ އެވެ. އެމީހުން ގޮވައިލަމުންދަނީ ކައުންސިލު އިދާރާ ދޫކޮށް ފުލުހުން ރަށުން ފައިބައިގެން ދިއުމަށެވެ. ކައުންސިލަރުން ވެސް ރައްޔިތުންނާއެކު އަޑުގަދަ ކުރަމުން އެބަދެ އެވެ. މަސްރަހު ހޫނުވެ އިއްޔެ ހިނގިފަދަ ހަމަނުޖެހުންތަކަށް ދިއުމުގެ މަންޒަރުތައް ދަނީ ފެންނަމުންނެވެ. ފުލުހުން އެމީހުންގެ ހަރަކާތުގައި މަޑުމަޑުމަޑުން އެބަތިއްބެވެ.
10:21 ކައުންސިލްގެ އިދާރާ ހިފައިގެން ތިބި ފުލުހުން އެ އިދާރާއިން ނެރުމުގެ ކޯޓު އަމުރެއް ހޯދަން ކޯޓަށް ދިއުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިދާރީ މަސައްކަތްތައްތައް ކުރުމަށް ފަޅުގެއެއްގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުމެއް ދާދި ދެންމެއަކު ފަށައިފި އެވެ. ބައްދަލުވުން ފެށުމުގެ ކުރިން އެގެއަށް ކަރަންޓު ގެނައީ އެހެން ގެއެއް މެދުވެރިކޮށެވެ. ކައުންސިލް ހިނގަމުންދާ ފަޅުގެއާއި ކައުންސިލްގެ އިދާރާ ހިމެނޭ ހިސާބުގައި ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވަމުން އެބަދެ އެވެ.
http://sun.mv/albums/l_227.jpg
9:31 ފުލުހުންގެ އިދާރާއަށް ކައުންސިލަރުން ވަޑައިގަތުމަށް ފަހު، ފުލުހުން އެއިދާރާއިން ނެރެދިނުމަށް އެދި އަނެއްކާވެސް ކޯޓު އަމުރަކަށް އެދެން ކައުންސިލުން ނިންމާފައިވާ ކަން އެނގުމަށްފަހު އަމުރު ހޯދުމަށް ކޯޓަށް ދިއުމުގެ މަސައްކަތް ކައުންސިލުގެ މެންބަރުން ފަށައިފި އެވެ. މިހާރު ހުރިހާ މެންބަރުން ތައްޔާރުވަމުން ދަނީ ކޯޓަށް ވަޑައިގަތުމަށެވެ.
http://sun.mv/albums/l_221.jpg
"އެބޭފުޅުން ވިދާޅުވަނީ ފުލުހުން ހިސޯރު ކުރުމުގެ އުސޫލު ގެންގުޅޭނަމަ އޮތް ގޮތަކީ ކޯޓު އަމުރެއްގެ ދަށުން އިދާރާއިން ފުލުހުން ނެރުމޭ. އެ މަސައްކަތް މި ފެށީއޭ. ފުލުހުންގެ އިދާރާއަށް ދިޔައީ އެކަން އަންގާލާށޭ،" ތުލުސްދޫގައި ހުރި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
9:13 މިވަގުތު ހުރިހާ ކައުންސިލަރުން ތިބީ ތުލުސްދޫގައި ހުންނަ ފުލުހުންގެ އިދާރާގަ އެވެ. އެތަނުގައި ފުލުހުންނާއެކު ދަނީ މަސްވަރާތައް ކުރަމުންނެވެ. ރަށުތެރެ ހަލަބޮލިކޮށް އޮތް ނަމަވެސް ހަމަނުޖެހުމެއް ނެތެވެ.
8:44 ހުރިހާ ކައުންސިލަރުން ތިބީ އިދާރާ ކުރިމަތީގައި ހުންނަ ބާރު ގެއެއްގައި ހުރި މޭޒެއްގެ ވަށައިގެނެވެ. މަސައްކަތް ކުރަމުންދަނީ ތަޅުދަނޑިފަތި ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ. ކައުންސިލްގެ އިދާރާގައި ހަރަކާތްތެރިވަމުންދަނީ ފުލުހުންނެވެ.
8:10 ފުލުހުންނާ ކައުންސިލަރުންނާ ދެމެދު ދަނީ ވާހަކަތައް ދެކެވެމުންނެވެ. އަޑުގަދަކުރާ މެދުވެރިކޮށް އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ސައީދު ވާހަކަފުޅު ދައްކަވަމުން އެބަދެ އެވެ. އޭނާ ވިދާޅުވަނީ ރައްޔިތުން އެ ސަރައްހަދު ދޫކޮށް ދިއުމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށެވެ. ފުލުހުން ބުނަމުން ދަނީ ކައުންސިލަރުން އިއްޔެ އަމަލުކޮށްފައި ވަނީ ކޯޓު އަމުރާ ހިލާފަށް ކަމަށާއި މިވަގުތު ފިނޭންސް މިނިސްޓްރީގެ ބެލުމުގައިވާ ތަޅުދަނޑިތައް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ މެދުވެރުކޮށް ހޯދުމުން ނޫނީ ކައުންސިލަރުންނާ އިދާރާ ހަވާލު ނުކުރާނެ ކަމަށެވެ. ތަޅުދަނޑިފަތި ހޯދަން ޖެހޭނީ ލިޔުމަކުން ކަމަށެވެ. މިވަގުތު މާ ބޮޑު ހަމަ ނުޖެހުމެއް ނެތެވެ. އޮތީ ދެފަރާތުގެ މަޝްވަރާތަކެވެ.
8:03 ކައުންސިލުގެ އިދާރާ ފުލުހުންގެ ބާރުގެ ދަށަށް ގެންގޮސް އެތަނަށް ފުލުހުން ވަނީ 6:45 ގައެވެ. މިވަގުތު ހުރިހާ ކައުންސިލަރުން ތިބީ އިދާރާއިން ބެރަށް ނެރެފައެވެ. އެތެރޭގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ބޭރުގައި ތިބި ކައުންސިލަރުންނާއި ފުލުހުން ދަނީ ވާހަކަތައް ދައްކަމުންނެވެ.
ތުލުސްދޫގައި ހުންނަ އަތޮޅު ކައުންސިލުގެ އިދާރާ ފުލުހުންގެ ބާރުގެ ދޮަށަށް ގެންގޮސްފި އެވެ. މިހާރު އަނެއްކާވެސް ތުލުސްދޫގައި އަންނަނީ މަސްލަހަތު ގޯސްވެ ހަމަނުޖެހުންތައް އުފެދެމުންނެވެ. 4