23 May 2015, 09:28
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ފަރާތުން ރާއްޖެއަށް ދޭ ސްކޮލާޝިޕުގައި ބައިވެރިވުމަށް ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ޑިޕާޓުމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ މަސް ތެރޭގައި ކުރި އިއުލާނަށް އެއްވެސް ފަރާތަކުން ފޯމު ހުށަހަޅާފައި ނުވުމުން ކަމަށެވެ.
އެ ޑިޕާޓްމަންޓުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ފުލަޑު ޑިޒާސްޓާއާ ގުޅޭ ގޮތުން މާސްޓާސް ހެދުމަށް ބޭނުންވާ ފަރާތްތަކުން މާދަމާގެ 14:30ގެ ކުރިން އެ ޑިޕާޓުމަންޓުގެ ކައުންޓަރަށް ފޯމު ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.
ޝަރުތުތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިންގް، ވޯޓާ ރިސޯސް މެނޭޖްމަންޓް، ޑިޒާސްޓާ މިޓިގޭޝަން ނުވަތަ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ކޯހާ ގުޅޭ ދާއިރާ އިން ތިން އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ވެސް ހިމެނެ އެވެ. އެ ކޯހަށް އެދި ހުށަހަޅާ ފަރާތަކީ ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލާޝިޕެއްގެ ދަށުން ތަޢުލީމް ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން ދެ އަހަރު ޚިދުމަތްކޮށްފައިވާން ޖެހެ އެވެ.
ކޯހަށް އެދި ހުށަހަޅާ އިރު ޑިޕްލޮމާއިން ފެށިގެން މަތީ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެ ކަމަށް ޑިޕާޓުމަންޓު އޮފް ހަޔާ އެޑިއުކޭޝަނުން މައުލޫމާތުދެ އެވެ. އަދި ބެޗުލާސް ޑިގްރީސެޓްފިކެޓް ނުލިބޭ ފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާ ނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލްކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ
އަދި އެއޮތޯރިޓީ އިން ގަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް ވެސް އެ ޑިޕާޓުމަންޓުން މައުލޫމާތުދެ އެވެ. އަދި އެސެޓްފިކެޓާ އެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ޖެހެ އެވެ.