22 May 2015, 22:54
އަޅުގަނޑުމެންގެ ތެރޭ އުފެދިފައިވާ ދެކޮޅުވެރިކަމާއި އަދާވާތްތެރިކަމާއި ހަސަދަވެރިކަމާއި ރުޅިވެރިކަން ފިލުވާލުމަށާއި ހުރިހާ ދިވެހިން އެކުވެރި ކުރުމަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ހުރިހާ އިލްމުވެރިންނަށް ޝެއިޚް އިބްރާހިމް ފަރީދު އަހުމަދު ގޮވާލައްވައިފި އެވެ.
"ދައްޖާލު ފާޅުވުން" މިނަމުގައި މިރޭ ކާނިވަލުގައި ދެއްވި ދަރުސްގައި ފަރީދު ވިދާޅުވީ އަޅުގަނޑުމެން ތެރޭ އުފެދިފައިވާ ދެކޮޅުވެރިކަން ނައްތާލަން ޖެހޭ ކަމަށާއި އިލްމުވެރިން ވާންވާނީ ރަސޫލާ ސައްލަﷲ އަލަޢިހި ވައްސަލަމްގެ ހަދީސްގައި ވާފަދަ ޖަހަނަމަގެ ދޮރުތައް ދޮށުގައިތިބެ ދީނަށް ގޮވާލާ ފަދަ ބަޔަކަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނީ ސުވަރުގެއަށް ގޮވާލާ ބަޔަކަށްވާން. ލޮބުވެތި އެންމެހާ އިލްމުގެ އަހުލުވެރީންނަށް އަޅުގަނޑު ގޮވާލަން މުޖުތަމައު މިއޮތް ހާލާމެދު ވިސްނާ ފިކުރު ކުރެއްވުމަށްފަހު ހުރިހާ ބޭކަލުން ވެސް އެކީ އެކައްޗަށް އަތުކުރި އޮޅާލައްވައި ހުރިހާ ޢިލްމުވެރިން ވެގެން މަސައްކަތް ކުރަންވެއްޖެއޭ އަޅުގަނޑުމެންގެ ރޫޅިފައިވާ ސަފުތައް އެކުވެރި ކުރެއްވުމަށް،" ޝެއިހް ފަރީދު ވިދާޅުވި އެވެ.
ޝެއިޚް ވިދާޅުވީ ދޭދޭ ފަރުދުންގެ މެދުގައި މިއޮތް ހަސަދަވެރިކަމާއި ދެކޮޅުވެރިކަން ނިމުމަކަށް ގެނެސް، އަނދަމުންދާ އަލިފާންގަނޑަކަށް ދަރުއެޅުމުގެ ބަދަލުގައި އަޅުގަނޑުމެންވީ ﷲގެ ދީނަށް އަހުލުވެރި ކުރުން ކަމަށެވެ.
މާތްﷲގެ ދީނުގައި އަންގަވާފައިވާ ގޮތާއި ރަސޫލާގެ ސުންނަތުގައުވާ ފަދައިން ސުވަރުގެ އާއި ނަރަކައަކީ ކޮބައިކަން ބުނެދޭންޖެހޭ ކަމަށް ޝެއިޚް ވިދާޅުވި އެވެ. އަދި މަރުވާނެ ކަމާއި ގިޔާމަތް ދުވަސް އަންނާނެކަމާއި މަރުގެ ސަކަރާތުގައި ތިމާއަށް ދިމާވާނެ ކަންކަން ބުނެދީ މާދަމާވެސް މަރުވެދާނެކަން ވިސްނައިދީ އިސްލާމްދީނަށް މީހުން އަހުލުވެރިކަން ކުރަންޖެހިފައިވާ ކަމަށް ޝެއިޚް ވިދާޅުވި އެވެ.
މިރޭގެ ދަރުސް ޝެއިހްވަނީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމަށް ގޮވާލާފަ އެވެ. އަދި ރަމަޟާން މަސް އަންނައިރުވެސް އަޅުގަނޑުމެންތެރޭ އޮތީ އަދާވާތްތެރިކަން ކަމަށާއި ދެމީހަކު ބައްދަލުވިޔަސް ބައްދަލުވަނީ ދެފުށްކިބަކަމަށް ޝެއިޚް ވިދާޅުވި އެވެ.
ޝެއިޚް ފަރީދު ވިދާޅުވީ ދުނިޔޭގެ ކަންކަމަށްޓަކައި އަޅުގަނޑުމެންތެރޭ މީހުންނަށް ނުނިދާ ހޭލާތިބެވެއިރު، ދަމުނަމާދަށް ނުނިދާ ހޭލާނުހުންނަ ކަމަށެވެ. އަދި ދުނިޔޭގެ ކަންތަކުގައި މަޝްއޫލުވެ އުޅެ ފަތިސްނަމާދު ބަންގި ގޮވުމުން ނަމާދުނުކޮށް ނިދާ ކަމަށެވެ.
ޝެއިޚް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭ ހުރި އެފަދަ ކަންކަން ރަނގަޅު ނުކުރާނަމަ، ބޮޑުވެގެންވާ ކޯފާއެއް އަތުވެދާނެ ކަމަށެވެ. އަދި އެކަންކަން އިސްލާހު ކުރަން އަޅުގަނޑުމެންތެރޭ މަސައްކަތް ނުކޮށްފިނަމަ ބޮޑު ކަންތައްތަކެއް ހިނގައި އެކަމުގެ ތެރޭ އަޅުގަނޑުމެން އެންމެން ހަލާކުވެދާނެ ކަމަށް ޝެއިޚް ވިދާޅުވި އެވެ.