22 May 2015, 22:47
ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފާހަގަ ކުރުމުގެ ގޮތުން ފުޅަނދު ބުރެއް މިރޭ ބާއްވައިފި އެވެ.
ފުޅަނދު ބުރުގައި ޖުމުލަ 9 ފުޅަނދެއް ވަނީ ބައިވެރިވެފައި އެވެ. ފުޅަނދުބުރުގައި ރާއްޖޭގެ ކުރީގެ ސަގާފީ ކަންކަން ދައްކުވައިދީފައިވެ އެވެ. އަދި ރާއްޖޭގެ ކުރީގެ ސަގާފީ ކުޅިވަރުތައް ފުޅަނދުބުރު ތެރެއިން ފެނިގެން ދިޔައެވެ.
ފުޅަނދު ބުރު ފެށިގެން ދިޔައީ ޝޯޝަލް ސެންޓަރު ކުރިމަތިން މިރޭ 8:00 ގައި އެވެ. ފުޅަނދު ބުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ މަޖީދީމަގުންގޮސް ރާޅު ގަނޑު ސަރަހައްދުންނެވެ. އަދި އެ ސަރަހައްދުގައި އާންމުން ފޮޓޯ ނެގުމަށް ފުޅަނދުތައް މަޑުކޮށްގެން ތިބޭނެ ކަމަށް ހޯމް މިނިސްޓުރީން ބުންޏެވެ.
ފުޅަނދު ބުރު ބޭއްވުމަށް ކުރިން ހަމަޖެއްސީ މިއަދު ހަވީރު އެވެ. އެހެންނަމަވެސް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް އެކަން ވަނީ ކުރިއަށް ނުގޮސްފައި އެވެ. މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ފުޅަނދު ބުރު ފެށުމަށް ހަމަޖެހިފައި ވަނީ ޝޯޝަލް ސެންޓަރު ކައިރިންނެވެ. އެހެންނަމަވެސް ދިމާވި ސަބަބުތަކަކާ ހުރެ ފުޅަނދުތަކަށް އެހިސާބަށް އާދެވުނު އިރު ވަނީ އިރު އޮށްސިފައި އެވެ.
މިނިވަން 50 އާ ގުޅިގެން ފުޅަނދުތައް ތައްޔާރު ކޮށްފައި: ފޮޓޯ/ ޓުވީޓާ
ހޯމް މިނިސްޓުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުލް ސަމަދު މިރޭ "ސަން" އަށް ވިދާޅުވީ ފުޅަނދު ބުރުތައް އޮތީ ޓުރެކު ސަރަހައްދުގައި ކަމަށެވެ. އަދި އެތަނުން ފުޅަނދުތައް ނައްޓާލުމަށް ތައްޔާރުވި ވަގުތު އެ ސަރަހައްދުގައި "ވެހިކަލް" އެއް އޮތުމުން ފުޅަނދުތައް ދަތުރު ކުރުމަށް ދަތިތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ފުޅަނދުތައް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ރޫޓުތައް މީގެކުރިން ފުލުހުން ވަނީ ސާފުކޮށްފައި. އެތަންތާ ހުރި އުޅަނދުތައް ނަގާފައި. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން އެ ސަރަހައްދުން ނައްޓާލި ވަގުތު އެތާނގައި ވެހިކަލެއް ބާއްވާފައި އެބައޮތް. ދެން ފުލުހުން އައިސް އެތަނުން އެ ވެހިކަލް ޓޯ ކުރަން ވަގުތު ނެގި. އެހެންވެގެން އަސްލު އިންތިޒާމު ކުރި ގޮތާ ހިލާފަށް އެކަން ދިޔައީ. މިކަހަލަ ބޮޑެތި ކަންތައް ކުރިއަށްދާއިރު އެހެންވެސް ވާނެ ދެއްތޯ." ތަޒްމީލު ވިދާޅުވި އެވެ.
މިއަދު ހަވީރު ފުޅަނދު ބުރު ނުބޭއްވުމުން މާދަމާ އެގަޑީގައި ފުޅަނދުބުރެއް ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ.
މިނިވަން 50 ފާހަގަކުރުމުގެ ގޮތުން މިރޭ ފުޅަނދު ބުރެއް ބާއްވާފައިވާއިރު ސަރުކާރުގެ ކުންފުނިތައް ހިމަނައިގެން ޖުލައި މަހުގެ 26 ވަނަ ދުވަހު ވެސް ފުޅަނދުބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.