ފުލައިމީގެ ދަތުރުތައް ބައެއް ރަށްރަށަށް ކުރުން ހުއްޓާލި ނަމަވެސް، ވައިގެ މަގުން އެތެރޭގެ އުދުހުންތައް ކުރަން ބޭނުންވާ ދިވެހިންނަށް ދަތިކަމެއްނެތި އެހިދުމަތް ފޯރުކޮށްދޭނެ ކަމަށް ގައުމީ އެއާލައިންއިން މޯލްޑިވިއަންއިން ބުނެފި އެވެ.

މޯލްޑިވިއަން އިން އެހެން ބުނެފައިވަނީ، ޑޮމެސްޓިކް ހިދުމަތްދޭ އަނެއް ކުންފުނި ކަމަށްވާ ވިލާ އެއާގެ ފުލައިމީއިން ގދ. ކާޑެއްދޫ އާއި ގއ. ކޫއްޑޫގެ އިތުރުން ޏ. ފުވައްމުލަކާއި އައްޑު އަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައިވާ ދަނޑިވަޅެއްގަ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް މިއަދު ސަން އަށް ވިދާޅުވީ ފުލައިމީއިން ދަތުރުތައް ހުއްޓާލި ނަމަވެސް ވައިގެ މަގުން އަތޮޅުތެރެއަށް ދާން ބޭނުންވާ ފަރާތްތަކަށް ދަތިކަމެއް ނެތި ޖާގަ ލިބޭނެ އިންތިޒާމް މޯލްޑިވިއަންއިން ހަމަޖައްސާނެ ކަމަށެވެ.

"ދިވެހިންނަށް އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ މައްސަލައެއް ނެތި ޝީޓްތައް ޑިމާންޑް އޮންނަ ވަރަކަށް ޕުރޮވައިޑްކޮށްދޭނީ،" ހާރިޝް ވިދާޅުވިއެވެ.

އައްޑޫ އަށާއި ގދ.ކާޑެއްދޫއާއި ހދ. ހަނިމާދޫއަށް ދުވާލަކު ފަސް ފުލައިޓް މިހާރުވެސް އަޅާ ކަމަށާއި އެހެންކަމުން ޖާގައިގެ މައްސަލައެއް ދިވެހިންނަށް ކުރިމައްޗެއް ނުވާނެ ކަމަށް ހާރިޝް ވިދާޅުވިއެވެ. ޑިމާންޑް ބޮޑުވާނަމަ އެމަންޒިލަކަށް މޯލްޑިވިއަންގެ އެއާބަސް އޭ320 ވެސް ފޮނުވޭނެ ކަމަށް ހާރިޝް ވިދާޅުވިއެވެ.

ފުލައިމީއިން ދެން ދަތުރުކުރުމަށް ނިންމާފައިވަނީ އދ. މާމިގިއްޔާއި ބ. ދަރަވަންދޫ އެއާޕޯޓަށް އެކަންޏެވެ. އެކުންފުނިން ވަގުތީ ގޮތުން އެހެން މަންޒިލް ތަކަށް ކުރާ ދަތުރުތައް ހުއްޓާލީ މާލީ ދަތިކަން ކުރިމަތިވުމުގެ ސަބަބުންނެވެ.