22 May 2015, 19:33
ލައިފް ފެނުން ކެމިކަލް ފެނިގެން އެމައްސަލަ ބަލަން ފަށައިފިއެވެ.
އެކަމާއި ގުޅޭގޮތުން ހެލްތް ޕުރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ޑިރެކްޓަރު މައިމޫނާ އަބޫބަރު މިއަދު ސަން އަށް ވިދާޅުވީ ލައިފް ފެނުން ކެމިކަލް ފެނުމުން އެމައްސަލަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބަލަމުން އަންނަ ކަމަށެވެ.
"އެފުޅީގައި ކެމިކަލްގެ މައްސަލައެއް ހުރެގެން އެހެން ފާޑެއްގެ އެއްޗެހިތަކެއް ފެނިގެން އުޅެނީ، ޓެސްޓް ކުރަމުން މިހާރު ގެންދަނީ" މައިމޫނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެނުނު ކެމިކަލް އަކީ ނުރައްކާތެރި އެއްޗެއްތޯ ނުވަތަ އޭގެ ތަފްސީލެއް ދައްނަވަން އެގޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.
އެކަމާއި ގުޅޭގޮތުން އެމްއެފްޑީއޭގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
އެކަމާއި ގުޅޭގޮތުން ވަރަށް އަވަހަށް އާންމު އިއުލާނެއް ކުރައްވާނެ ކަމަށް މައިމޫނާ ވިދާޅުވިއެވެ.
ލައިފް ފެނަކީ އިންޓަނޭޝަނަލް ބެވެރޭޖާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުއްޏަކުން ރާއްޖޭގައި އުފައްދައިގެން ގިނައަދަދަކަށް ބާޒާރުގައި ވިއްކަމުންދާ ފެނެކެވެ.
އެކަމާއި ގުޅޭގޮތުން އެކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.