ޖިއްދާ : ތޫނިސްގެ ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެޤައުމުގެ ރައީސް ފުއާދުލް މުބްޒަޢު، ބޮޑުވަޒީރު ކަމުގެ މަޤާމަށް އެހެން ބޭފުޅަކު އިސްކުރައްވައިފިއެވެ.

މިމަޤާމަށް އިސްކުރެއްވީ ކުރީގެ ޚާރިޖީ ވަޒީރެއް ކަމަށްވާ އަލްބާޖީ ޤާއިދުއްސިބްސީ އެވެ. ސިބްސީއަކީ ތޫނިސްގެ ކުރީގެ ރައީސް އަލްހަބީބް ބުރްޤީބާގެ ދުވަސްވަރު ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ވަރަށް ތަޖްރިބާކާރު، ތަޢްލީމީ ބޭފުޅެކެވެ.

މިހާތަނަށް ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދުލްޣައްނޫޝީ މަޤާމުން އިސްތިއުފާދެއްވީ ތޫނިސްގެ ރައްޔިތުން އެޤައުމުގެ ކުރީގެ ރައީސް ބިންޢަލީގެ ވެރިކަން ވައްޓާލި ތާރީޚީ އިންޤިލާބު ގެ ރޫހާ ޚިލާފަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ތުހުމަތުތަކެއް ޣައްނޫޝީގެ މައްޗަށް ރައްޔިތުން ކުރުމާގުޅިގެންނެވެ.

ޣައްނޫޝީ ވިދާޅުވީ ރައްޔިތުންގެ އެދުންތަކާއެއްގޮތަށް އޭނާ އިސްތިއުފާދެއްވީ ކަމަށާއި ތޫނިސްެގެ ރައްޔިތުން އެދޭފަދަ ވެރިކަމުގެ ޒަމާނީ ނިޒާމެއް ޤައުމަށް ގެނައުމުގެ ރޯޑް މެޕެއް އަންނަ ހަފްތާގައި ވަގުތީ ރައީސް ފުއާދުލްމުބްޒަޢު އިޢްލާން ކުރައްވާނެ ކަމުގައެވެ. -- ބީ.ބީ.ސީ