22 May 2015, 17:57
މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ލ. އަތޮޅުގައި ކުއްތާ ނުވަތަ ފާރަ ބޭނުންކޮށްގެން ހިންގާ ބޮޑު އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ކުއްތާ ބޭނުންކޮށްގެން ހިންގާ އެބޮޑު އޮޕަރޭޝަންގައި ލ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި ފަޅުރަށްތަކުގައި މި އޮޕަރޭޝަން ހިންގައި ކަނޑައެޅޭ ތަންތަން ބަލައި ފާސްކުރުމަށް ނިންމާފައިވާ ކަމަށެވެ.
ހަމައެއާއެކު އެއަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަންތަންވެސް ބަލައިފާސްކޮށް ހެދުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ބުންޏެވެ.

މިއޮޕަރޭޝަނަކީ ކުއްތާ ބޭނުންކޮށްގެން އަތޮޅުތެރޭގައި މިގޮތަށް ހިންގާ ފުރަތަމަ އޮޕަރޭޝަނެވެ.
ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ނޯތުވިންގުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވީ މަސްތުވާ ތަކެއްޗާ ބަނގުރަލުގެ އިތުރުން ލ. އަތޮޅުގައި ހިނގާ ޖިނާއީ އެހެނިހެން ކުށްތައް ހުއްޓުވުމުގެ މަސައްކަތްވެސް މި އޮޕަރޭޝަންގައި ކުރިޔަށްދާނެކަމަށެވެ.
ފުލުހުން ވަނީ ދާދިފަހަކުން ގިނަ އަދަދެއްގެ ކުއްތާ ރާއްޖެ އަށް އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ބޮޑު މަސައްކަތްތަކެއް ފަށާފައެވެ. އޭގެ ކާމިޔާބް އޮޕަރޭޝަންތަކެއް މާލެގައިވެސް ވަނީ ހިންގާފައެވެ. ހަމައެއާއެކު ކުއްތާ ބޭނުންކޮށްގެން ކ. މާފުށީގައި ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފުށި ޖަލުން މަސްތުވާތަކެތި ހޯދައިފައިވެއެވެ.