22 May 2015, 17:18
މޮސްކޯ (މޭ 22) : އައިއެސް ޖަމާއަތުގެ ކުރިއެރުން ހުއްޓުވަން ޖެހޭ ކަމަށާއި އެއީ މުޅި ދުނިޔެއަށް ވެސް އޮތް ނުރައްކަލެއް ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އަށް ވަޑައިގެން އުޅުއްވާ އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީއާ ކްރެމްލިންގައި ބައްދަލުކުރެއްވުމަށް ފަހު ޕޫޓިން ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ހުއްޓުވުމަށް އިރާގު ސިފައިން ކުރަމުންގެންދާ މަސައްކަތަށް މޮސްކޯ ތާއީދު ކުރާކަމަށާއި އެކަމަށް ބޭނުންވާ ވަސީލަތްތައް އިރާގަށްް ފޯރުކޮށްދިނުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމުގަ އެވެ. އަބާދީ އިއްޔެ ވަނީ ރަޝިޔާ އަށް ވަޑައިގެން ރައީސް ވްލަޑިމޭރު ޕޫޓިން އާއިބޮޑުވަޒީރު ޑިމިޓްރީ މިޑްވިޑޭވް އާ ބައްދަލުކުރައްވާފަ އެވެ. އަބާދީގެ މިދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރޭގައި ރަޝިޔާގެ ޒަމާނީ ހަތިޔާރު އިރާގަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އައިއެސް ޖަމާއަތް ދާދިފަހުން ވަނީ އިރާގުގެ ހުޅަނގުގެ ބޮޑު ސިޓީއެއްކަމަށްވާ ރަމާދީ ހިފާފަ އެވެ. އަދި މީލާދީގެ ދެހާސް އަހަރު ކުރީގައި ވަރުގަދަ ޙަޟާރަތެއް އުފެދިގެންދިޔަ ސޫރިޔާގެ ތާރީޚީ އަދި އާޘާރީ ރަށެއްކަމަށްވާ ތަދްމުރު ނުވަތަ ޕަލްމީރާ ވެސް މީގެދެތިން ދުވަސްކުރިން އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގޮސްފަ އެވެ. އައިއެސް ހަނގުރާމަވެރިންގެ މި ކާމިޔާބީތަކާ ގުޅިގެން އިރާގާއި ސޫރިޔާގެ އިތުރުން ރަޝިޔާއާއި އެމެރިކާ ވެސް ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އެމެރިކާ އިން ވަނީ އައިއެސްގެ ހަނގުރާމަވެރިންގެ އަމާޒުތަކަށް ޙަމަލާދިނުމަށް ޓަކައި އެއްގަމުމަގުން އެއްގަމަށް ފޮނުވާލާ ބާވަތުގެ ހާކަކަށްވުރެ ގިނަ ރޮކެޓް އިރާގު ސިފައިންނަށް އަވަސްގޮތަކަށް ފޯރުކޮށްދިނުމަށް ނިންމިކަން އިޢްލާން ކޮށްފަ އެވެ. އިރާގާއި ސޫރިޔާގެ ސިފައިންގެ ލަޝްކަރުތަކާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާ އައިއެސް ޖަމާއަތުން ޒަމާނީ ހަތިޔާރުތައް ބޭނުންކުރަމުން ގެންދާއިރު މީގެތެރެއިން ގިނަ ހަތިޔާރަކީ އެމެރިކާގައި އުފައްދާފައިވާ ހަތިޔާރުކަމުން މިހަތިޔާރުތައް އައިއެސް އަށް ލިބޭގޮތަކާމެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފަ އެވެ.
ރަޝިޔާގެ މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއަބާދީ ވިދާޅުވީ އައިއެސް އާ ކުރިމަތިލުމުގެ ގާބިލްކަން އިރާގުގެ ސިފައިންނާއި ރައްޔިތުންނަށް ލިބިފައިވާ ކަމުގައެވެ. އަދި އިރާގުގެ ގިނަ ސަރަހައްދުތަކަކުން އެޖަމާއަތް ފައްސާލުމުގެ އަސްކަރީ އޮޕަރޭޝަންތަކެއް ފެށުމަށް އިރާގު ސިފައިންނާއި ރައްޔިތުންގެ މިލީޝިޔާތަކުން ތައްޔާރުވަމުންދާކަމަށްވެސް އަބާދީ ވިދާޅުވިއެވެ. (ރޮއިޓާސް)