ވައިޓް ހައުސް (މޭ 22) : ނޭޓޯ އިން ބޭރުގައިވާ އެމެރިކާގެ ބައިވެރިއެއްގެ ދަރަޖަ ތޫނިސްއަށް ދޭނެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ތޫނިސްގެ ރައީސް އަލްބާޖީ ގާޔިދް އައްސިބްސީއާ ވައިޓްހައުސްގައި ބައްދަލުކުރެއްވުމަށް ފަހު އޮބާމާ ވިދާޅުވީ ތޫނިސްއަކީ ޑިމޮކްރަސީގައި ބޮޑެތި ކުރިއެރުންތަކެއް ޙާސިލްކޮށްފައިވާ ގައުމެއްކަމަށާއި އެހެންކަމުން ނޭޓޯ އިން ބޭރުގައިވާ އެމެރިކާގެ ބައިވެރިއެއްގެ ދަރަޖަ ތޫނިސްއަށް ދިނުމަށް އޭނާގެ ސަރުކާރުން ނިންމާފައިވާ ކަމުގަ އެވެ.

އެމެރިކާގެ ބައިވެރިއެއްގެ ދަރަޖަ ތޫނިސްއަށް ލިބުމަކީ ދިފާއީ ކަންކަމުގައި އެމެރިކާގެ އަވަސް އެހީއާއި މަތީފެންވަރުގެ ހަތިޔާރު އެގައުމަށް ލިބުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ނޭޓޯ އިން ބޭރުގައިވާ އެމެރިކާގެ ބައިވެރިން ދަރަޖަ ދީފައިވާ ގައުމުތަކުގެ ތެރޭގައި އިސްރާއީލާއި ޖަޕާން އަދި އޮސްޓްރޭލިޔާ ފަދަ ބައެއް ގައުމުތައް ހިމެނެ އެވެ.

ތޫނިސްއަށް އިގްތިސާދީ އެހީގެ ގޮތުގައި 500 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯން ގެރެންޓީއެއް ދިނުމަށް ވެސް އޮބާމާ ވަނީ ނިންމަވާފަ އެވެ. ރައްޔިތުންގެ އުތުރިއެރުމެއްގައި ވެރިކަން ވެއްޓުނު ތޫނިސްގެ ކުރީގެ ޑިކްޓޭޓަރ ޒައިނުލްއާބިދީން ބިން އަލީ އަކީ އެމެރިކާގެ ބައިވެރިއެކެވެ. ތޫނިސްގެ ރައްޔިތުން ބިންއަލީގެ ވެރިކަން ވައްޓާލުމަށްފަހު އެގައުމަށް އައި ހަމަނުޖެހުންތައް މިހާރުވަނީ ކޮންމެވެސް ވަރަކަށް މައިތިިރިވެ އިންތިގާލި މަރްޙަލާ ކަޑައްތު ކުރުމަށްފަހު ރިޔާސީ އިންތިޚާބެއް ބާއްވައިގެން އައު ރައީސަކު ހޮވައި އައު ސަރުކާރެއް އެކުލަވާލާފައެވެ. (ރޮއިޓާސް)