މިމަހު 27 ން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ ކޮންގްރެސް ގައި ފީފާގެ ރައީސްކަމަށް ވަޑައިގަތުމަށް ވާދަކުރަމުން ދިޔަ ދެ ކެނޑިޑޭޓުން ކަމަށްވާ ޕޯޗްގަލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް ފީގޯއާއި ހޮލެންޑް ރޯޔަލް ފުޓްބޯލް އެސޯސިއޭޝަން (ކޭއެންވީބީ) ރައީސް މައިކަލް ވެން ޕްރާގްގެ ނަން އަނބުރައި ގެންދަވައިފިއެވެ.

ފީގޯ ނަން އަނބުރައި ގެންދެވިކަން ހާމަކުރެއްވުމުގެ ގޮތުން އޭނާގެ ފަރަތުން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ފީފާގެ އިންތިޚާބުގެ ވޯޓްގައި ހާމަކަން ނެތް ކަމަށާއި ޑިމޮކްރެޓިކް ހަމަތަކާއި އިންތިޚާބުގައި އޮންނަންޖެހޭ މިނިވަންކަން ނެތް ކަމަށެވެ.

"ނަން އަބުރައި ގެންދަން ނިންމީ ބައިނަލްއަޤުވަމީ ފުޓްބޯޅައިގެ ޙަރަކާތްތެރިވެވަޑައިގަންނަވާ ޤަދަރު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންގެ މަޝްވަރާއާއިއެކު. އެބޭފުޅުންނާ މަޝްވަރާ ކުރެއްވީ ފީފާގެ އިންތިޚަބަށް ކެމްޕޭން ކުރައްވަމުން ގެންދިޔައިރު ފެނިގެން ދިޔަ ޤަބޫލު ނުކުރެވޭ ކަންތަތަކާ ގުޅިގެން" ފީގޯ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުޓްބޯޅައިގައި ހާމަކަން ބޮޑުކަން އޮންނަން ބޭނުންވާ ފަރާތްތަކަށް ފީފާގެ އިންތިޚާބުގައި އެ އުންމީދު ހާސިލުވާން ނެތް ކަމަށާއި އެހެންކަމުން ފެންނަމުންދާ ކަންކަމަށް ބަލާފައި ނަން އަނބުރައި ގެންދިއުން އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފީގޯ ވިދާޅުވެފައިވެއެވެ.

ވެން ޕްރާގް ނަން އަނބުރައި ގެންދެވީ ފީފާގެ އިންތިޚާބުގައި ވާދަ ކުރައްވާ ފީފާގެ ކުރީގެ ނައިބުރައީސް އުރުދުންގެ ޕްރިންސް ޢަލީ ބިން އަލް ޙުސައިންއަށް ތާޢީދު ކުރެއްވުމުގެ ގޮތުން ކަމަށް އޭނާގެ ފާރާތުން ކޭއެންވީބީ އިން ނެރެފައިވާ ބަޔާނެއްގައެވެ.

މީގެ ކުރިންވެސް ވެން ޕްރާގް ވިދާޅުވެފައިވަނީ ފީފާގެ މިހާރުގެ ރައީސް ޖޯސެފް ބްލެޓާއާ ދެކޮޅަށް ހުރިހާ ކެނޑިޑޭޓުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ވެން ޕްރާގް އަމިއްލަފުޅަށް ނޫސްވެރިންނާ ބައްދަލު ކުރައްވާ އޭނާ ނަން އަނބުރައި ގެންދެވި ސަބަބާއި ގުޅޭ އިތުރު ތަފްސީލު ދެއްވާނެ ކަމަށް ކޭއެންވީބީ ގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފީގޯއާއި ވެން ޕްރާގް ކެނޑިޑޭސީ އަނބުރައި ގެންދެވުމުން އިންތިޚާބުގައި ދެން ވަދަކުރައްވާނީ ފީފާގެ މިހާރުގެ ރައީސް ސެފް ބްލެޓާއާއި ފީފާގެ ކުރީގެ ނައިބުރައީސް އުރުދުންގެ ޙުސައިން ބިން ޢަލީއެވެ.

ފީފާގެ އިންތިޚާބުގައި ވޯޓުލުން އޮންނާނީ މިމަހު 29 ވަނަ ދުވަހު ސްވިޒަލޭންޑްގެ ޒިޔުރިކްގައެވެ.