އެމީހުންގެ ދަރިން ގޮވައިގެން ކަނޑުމައްޗަށް އެރީ އިތުރު އެއްވެސް ގޮތެއްނެތިގެންނެވެ. އަމިއްލަ ވަޒަނުން ލިބެމުންދިޔަ އިންސާނިއްޔަތާ ހިލާފު އެތަށް އަނިޔާތަކަކަށް ކެތްނުކުރެވިގެންނެވެ. މިޔަންމާ އާއި ބަނގުލަދޭޝްގައި ދިރިއުޅޭ ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން މިއަދު ކަނޑުމަތީ ހާލުގައި ޖެހިފައިތިބީ އެމީހުންނަށް އެހީތެރިވާން ތިބި ކޮންމެވެސް ގައުމަކަށް ރެފިއުޖީންގެ ގޮތުގައި ދެވޭނެ ކަމުގެ އުއްމީދުގަ އެވެ. ނުވަތަ އެތިބި ގޮތަށް ތިބެ މަރުވެގެންދިޔަ ނަމަވެސް ހެޔޮ ކަމަށެވެ.

އެގޮތުން ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ރޮހިންޔާ މުސްލިމު ދަރިކޮޅުގެ ބައެއް މީހުން މިހާރު ވެސް ދަނީ ބަނޑަށް މަރުވަމުން ނެވެ. އެއް ބަޔަކު މިހާރު ވެސް ވަނީ ދިރިތިބުމުގެ އުއްމީދު ކަނޑާލުމަށްފަހު ކަނޑަށްފުއްމާލައި އަމިއްލަ އަށް މަރުވެފަ އެވެ.

ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން ތިބި ގާތްގަނޑަކަށް 380 އާ ގާތްކުރާ އަދަދަށް ރޮހިންޔާ ދަރިކޮޅުގެ މީހުންތިބި ހާލުގައިޖެހިފައިވާ ބޯޓެއް އަލްޖަޒީރާގެ ނޫސްވެރިއަކަށް ވަނީ ކަނޑުމަތިން ފެނިފަ އެވެ.

އެބޯޓުގައި ހުރި އަބުލް ބަކާ ކިޔާ މީހަކު ބުނީ ބޯޓުގައި ތިބި ބައެއް މީހުން ބަނޑުހައިހޫނު ކަމުގެ ސަބަބުންނާއި ސާފު ބޯފެނާއި ކާއެއްޗެހި ނުލިބުމުގެ ސަބަބުން ޑައީރިއާ ޖެހި މަރުވަމުންދާ ކަމަށެވެ.

"އެކަކު ބޯ ގޮވައިގެން ބޯޓުން ފުންމާލައިފި ކަނޑަށް. އަދި މިހާރު ގާތްގަނޑަކަށް ދިހަ މީހަކު އެގޮތަށް ފުންމާލައިފި ކަނޑަށް. ބައެއް މީހުން މިތާ ކައިރިން ފެނުނު މަސްދޯންޏަކަށް އަރާ ސަލާމަތްވެއްޖެ،" އަލްބަކާ ބުންޏެވެ.

އެބޯޓުގައި ތިބި ގިނަ މީހުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ އާއިލާއާ އެކު މެލޭޝިއާ އަށް ދިއުމަށެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންތިބި ބޯޓުގައި ހުރި އަންހެނަކު އަލްޖަޒީރާގެ ނޫސްވެރިޔާގެ ގާތުގައި ބުނީ އޭނާ އެބޯޓަށް އެރީ ދާނެ އިތުރު އެއްވެސް ތަނެއް ނެތުމުންނެވެ.

"އަހަރެން ވަންނާނެ ގެއެއް ނެތް. ރަކިންގެ މީހުން އަހަރެންގެ މަންމައާއި އާއިލާގެ އެންމެން މަރާލައިފި. ވިލެޖުގައި ތިބި މީހުން ބުނީ އެމީހުން މެލޭޝިއާއަށް ދާ ވާހަކަ. އެހެންވެ އަހަރެން ވެސް އެމީހުންނާއެކު މިބޯޓަށް އެރީ،" އެބޯޓުގައި ހުރި އަންހެނަކު އަލްޖަޒީރާގެ ރިޕޯޓަރަށް ކިޔައިދެމުން ބުންޏެވެ.

އެހެންނަމަވެސް ކޮންމެ ގައުމަކުން ވެސް ދަނީ އެމީހުންގެ ކަނޑުގެ ސަރަހައްދަށް ވަންނައިރަށް ރޮހިންޔާ ދަރިކޮޅުގެ މީހުން ފައްސާ ބޭރުކުރަމުންނެވެ. އަދި މިހާރު އެމީހުން ތިބީ ދާނެ މަންޒިލެއްނެތި ކަނޑުމަތީ ހާލުގައިޖެހިފަ އެވެ.

ލަފާކުރާ ގޮތުގައި ހާލުގައި ޖެހިފައިތިބި ރޮހިންޔާ ދަރިކޮޅުގެ އެތަށްހާސް މުސްލިމުންނެތް ކަނޑުމަތީ އެބަތިއްބެވެ.

ހާލުގައި ޖެހިފައިތިބި ރޮހިންޔާ ދަރިންގެ މިއަދު އާދޭހަކީ އެމީހުންނަށް ކާނެ އެއްޗެއްދީ ރެފިއުޖީންގެ ގޮތުގައި ކޮންމެވެސް ގައުމަކުން އެމީހުން ބަލައިގަތުމެވެ.