22 May 2015, 13:40
ފުވައްމުލަކު އަނބު މޫސުމާ އެކު މާލޭގެ ބާޒާރުގައި އަނބު ތިޔާގިވެފައިވާ އިރު އަނބެއް ވިއްކަނީ ފަސް ރުފިޔާ އަށެވެ. އެރަށުގައި އަނބެއް ވިއްކަނީ ރުފިޔާ އަކަށެވެ.
މާލޭގެ ބާޒާރުގައި އަނބު އިންތިހާއަށް ތިޔާގި އެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ޕޭމަންޓް ވަނީ ދޮން އަނބުން ޒަރީވެފަ އެވެ. އެހާ އަނބު ގިނަ ވެފައިވާތާ ދުވަސްތަކެއް ވެފައިވާ އިރު އެންމެ އަގު ހެޔޮކޮށް ވެސް އަނބެއް ވިއްކަމުން ގެންދަނީ ފަސް ރުފިޔާ އަށެވެ. އޭގެ ދުވަސް ކޮޅެއް ކުރިން އަނބެއް ވިއްކަމުން ދިޔައީ 15 ރުފިޔާ އަށެވެ. މީގެ ކުރީ އަހަރުތަކުގައި އަނބު މޫސުންތަކުގައި ދެ ރުފިޔާއަށް ވެސް މާލޭގެ ބާޒާރުގައި އަނބު ވިއްކާފައިވެ އެވެ.
ފުވައްމުލަކު ވިޔަފާރިވެރިން ބުނީ އަނބު ގިނަ ނަމަވެސް އަނބުގެ އަގު ފަސް ރުފިޔާއަށް ވުރެ ދަށް ކުރެވެން ނެތް ކަމަށާއި ސަބަބަކީ އެރަށުން މާލެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތާއި އަގަށް ބަލާފައި ކަމަށެވެ.
"ދޮންކަލޯ، ގަސްގަހުން އުފުރުމަށާއި އެމާލެ ގެނައުމަށް ކުރަން ޖެހޭ ހަރަދާއި މަސައްކަތަށް ބަލާއިރު މިއަށްވުރެ އަގުހެވެއް ނުކުރެވޭނެ،" ވިޔަފާރިވެރިޔާ ބުންޏެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ފުވައްމުލަކުގައި އަނބެއް ވިއްކަމުން ދަނީ އެއް ރުފިޔާ އާއި ދެ ރުފިޔާއާއި ދޭތެރޭ އަގުގަ އެވެ. އަދި 250 ވަރަކަށް އަނބުގެ ފޮއްޓެއް މާލެއާއި ހަމައަށް ގެނެސް ދިނުމަށް ނާލަށް ނަގަނީ 40 ރުފިޔާ އެވެ.
ފުވައްމުލަކު ދަނޑުވެރިން މައުލޫމާތު ދޭގޮތުގައި ވަރަށް އަވަހަށް ބާޒާރުން އަނބު ހުސްވާނެ އެވެ. އެރަށަށް ވެސް އަނބު މުސުން މިހާރު ނިމެމުން އަންނަ ކަމަށް ދަނޑުވެރިން ބުންޏެވެ.