މަޖިލިސް މެންބަރު ރޮޒައިނާ އާދަމް ކ. ތުލުސްދޫއިން މިރޭ މާލެ އަށް ވަޑައިގަތް ތަނުން ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މީހަކު ފުލުހުން ހައްޔަރު ކުރުމުން ސޯސަން މަގުގައި އާއި ޕޮލިސް ކަސްޑޯޑިއަލް ކުރިމަތީގައި ބަޔަކު ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފި އެވެ.

ސޯސަން މަގުގެ ހަމަނުޖެހުންތަކުގެ ތެރެއިން މިރޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވެސް ބުންޏެވެ. ނަމަވެސް އެއީ ކާކު ކަމެއް ވެސް އޭނާ ކުރި ކަމެއް ވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

ސޯސަން މަގުގައި ހުންނަ ވީޓީވީ އޮފީސް ކުރިމަތިންނާއި މާލޭ ކަސްޓޯޑިއަލް ކައިރިން މިރޭ ގިނައިން ފެނިފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ އެކްޓިވިސްޓުންގެ ގޮތުގައި އާންމުކޮށް ހަރަކާތްތެރިވާ މީހުންނެވެ.

ސަންގެ ނޫސްވެރިން މިރޭ އެސަރަހައްދަށް ދިއުމުގެ ކުރިން މަންޒަރު ދުއް ބައެއް މީހުން ބުނީ 9:30 އެހާކަން ހާއިރު މެންބަރު، ރޮޒައިނާ ސޯސަން މަގު، ވީޓީވީ ކައިރިން ވަޑައިގަންނަވަނިކޮށް ބަޔަކު އަޑު ގަދަކޮށް އެ ހިސާބުގައި ހަމަނުޖެހުން ހިންގަން ފެށީ ކަމަށާއި އެތަނުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރުމުން އޭގެ ތެރެއިން ބަޔަކު އެ ސަރަހައްދުގެ މަގުމަތީގައި އިށީނދެ ނުރުހުން ފާޅުކުރަމުން ދިޔައީ ކަމަށެވެ. އަދި ބައެއް މީހުން ބުނީ އެމީހުންގެ ނުރުހުން ރޮޒައިނާއަށް އަމާޒުކުރީ މާލެ އަތޮޅު އަތޮޅުގެ މަރުކަޒީ ރަށުގެ މައްސަލައިގައި ކ. ތުލުސްދޫގައި ހިނގަމުންދާ ހަރަކާތްތަކުގައި ރޮޒައިނާ އަދާ ކުރެއްވެވި ރޯލާމެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާއަކީ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާ ތަމްސީލު ކުރައްވާ މެންބަރެވެ.

އާންމުކޮށް އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެއިން ފެންނަ ވިއްސަކަށް މީހުން ސޯސަން މަގު މެދުގައި ތިބެ ހަޅޭއްލަވައި ނުރުހުން ފާޅުކުރަމުންދިޔައިރު އޭރު އެ ސަރަހައްދު އޮތީ ޓްރެފިކް ބޮޑުވެ ދުއްވާ އެއްޗެއްސަށާއި މީހުން ހިނގާ ބިނގާ އުޅުމަށް ދަތިވެފަ އެވެ.

"އަހަރުމެން އަސްލު އުޅުނީ ރޮޒައިނާ އައި ގަޑީގަ ޖައްސަން (މުޒާހަރާކުރަން) ވެގެން. އެހެން އުޅެނިކޮށް މިތާ ހުރި (މަގުގެ އެއްފަރާތުގައި ހުރި) ކަމާ ނުވެސް ބެހޭ މީހަކު އެމީހުން (ފުލުހުން) ހައްޔަރު ކޮށްގެން ގެން ދިޔައީ. އެހެންވެ އަހަރުމެންގެ މީހުން ހޫނުވެ މިތާ މަގުމެދުގައި އިށީނީ،" އެމްޑީޕީގެ އެކްޓިވިސްޓަކު ބުންޏެވެ.

މަގުމަތީގައި އިށީންދެ ތިބެ އަޑުގަދަ ކުރި މީހުން ފަހުން ފުލުހުންގެ ކަސްޑޯޑިއަލް ޑިޕާޓްމެންޓާއި ދިމާލަށް ގޮސް އެތާނގެ ކުރިމަތީގައި ވެސް ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ވަންދެން ނުރުހުން ފާޅުކުރި އެވެ. އެ ސަރަހައްދު ދޫކޮށް އެ މީހުން ދިޔައީ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ލުފްސާން ޝަކީބު ލުފްސާން ސަކީބް (ލޫއްޕެ) މުޒާހަރާ ކުރުން ހުއްޓާލަން އެންގެވުމުން އެމީހުން ވަނީ އެތަނުގައި އިއުލާންކޮށްފަ އެވެ. އެ ސަރަހައްދު މުޅިން ސާފުވެ އަމާންވެފައިވަނީ ގަޑިން 12:00 ޖެހުމާއި ގާތްވެފަިއ ވަނިކޮށެވެ