އޭޝިއާގެ ދެކުނު އިރުމަތީ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމް ދަރިކޮޅުގެ މީހުން ސަލާމަތް ކުރުމަށް މެލޭޝިޔާގެ ހަތަރު އުޅަނދެއް ފޮނުވައިފި އެވެ.

އަލްޖަޒީރާއިން މައުލޫމާތު ދޭގޮތުގައި ކަނޑުމަތީ ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުން ހޯދުމަށް މެލޭޝިއާ އިން ހަތަރު ނޭވީ އުޅަނދެއް ފޮނުވާފައިވާއިރު، ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ބާއްވާ ކުއްލި ބައްދަލުވުމުގައި ބައިވެރިވުމަށް މިޔަންމާއިން އެއްބަސްވެފައިވާ ކަމަށް ތައި އޮފިޝަލުން ވަނީ ބުނެފަ އެވެ.

މެލޭޝިއާ އާއި އިންޑޮނޭޝިއާގެ ނެވީގެ އިސްވެރިން ވަނީ ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުން ސަލާމަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފ އެވެ.

ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުންތިބި ބޯޓެއް: ފޮޓޯ--އޭޕީ

މެލޭޝިއާގެ ޕްރައިމް މިނިސްޓަރު ނަޖީބު ރަޒަކް ވަނީ ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މީހުން ހޯދުމަށް އެގައުމުގެ ކަނޑުގެ ސިފައިންނަށް މިދިޔަ ހަފްތާގެ ތެރޭގައި އަންގާފަ އެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ މިޔަންމާގައި ދިރިއުޅެމުންދިޔަ ބައިމަދު މުސްލިމް ދަރިފަސްކޮޅެކެވެ. އަދި އެގަމުގެ ބުދިސްޓުންގެ ފަރާތުން އިންސާނިއްޔަތާއި ހިލާފު އަނިޔާވެރި އެތަށް އަމަލުތަކެއްގެ ޝިކާރައަކަށް ބައިމަދު ރޮހިންޔާ ދަރިކޮޅުގެ މީހުންވަނީ ވެފަ އެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުން އަމިއްލަ ވަޒަން ދޫކޮށް ހިމަޔާތް ލިބޭނެ ގައުމެއް ހޯދަން ކަނޑުމައްޗަށް ނުކުމެފައިވަނީ، މިޔަންމާއި ލިބެމުންދިޔަ އިންސާނިއްޔަތާއި ހިލާފު އަނިޔާވެރި އަމަލުތަކާ ދުރައްދިއުމުގެ ބޭނުމުގަ އެވެ.